މިހަފްތާގެ އާދިއްތަ ދުވަހު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި އަޅާބަލާއިރު، ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު 140 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު، ހޯމަ ދުވަހު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 149 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 120 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 18 މީހުންނާއި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން ޕޮޒިޓިވްވި ހަތް މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު، އެޗްޕީއޭ އިން 3،957 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، މިހާތަނަށް ޖުމްލަ 612،223 ސާމްޕަލް ވަނީ އެކި ފަހަރުމަތިން ޓެސްޓުކޮށްފައެވެ. އަދި ޖުމްލަ 22،662 މީހުން ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 20،142 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިވަގުތު ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 2،447 މީހުން ކަމަށާއި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 90 މީހުންނަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ. އާދިއްތަ ދުވަހު އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުތައް ދެއްކިގޮތުން 95 މީހުންނަށް ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އަދި 2،436 މީހުން ބައްޔަށް ފަރުވާހޯދަމުން ދާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން އާދިއްތަ ދުވަހާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 20،004 މީހުންނެވެ. މިއާއި އެކު އިތުރު 138 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު 66 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑް-19ގެ ތިން ވަނަ ރާޅާއި ކުރިމަތިލަމުންދާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި މިހާރު ރާއްޖޭގައި އަޅާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެގޮތުގައި ބޭއްވުން މުހިންމުކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވާއިރު، އެކަމަނާ ވަނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19ގެ ނުރައްކާ ކުޑަނޫންކަމަށް ފާހަގަކުރައްވާފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮންނަތާ އަހަރެއް ވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ތަފާތު ގިނަ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މިފަހުން ކޭސްތައް އިތުރުވާން ފެށުމާއިއެކު ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް ފިޔަވަޅުތަކުގެ އެންމެ އެކަށޭނަ ނަތީޖާ ނުނެރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.