ކ. މާލެ
|
22 މާރޗް 2021 | ހޯމަ 15:39
ރ. ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓު
ރ. ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓު
ސޯޝަލް މީޑިއާ
އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތްތައް
ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފި
މި މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ވަނީ ލިބިފައި
ކުޅިވަރާ ބެހޭ ވުޒާރާއިން 538،967 ރުފިޔާގެ ބަޖެޓެއް އެކުލަވާލި

ރ. ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅާ ކޯޓުގެ މަސައްކަތް ކުރިއަށްދިޔައީ އެ ރަށު ކައުންސިލުން އިޢުލާންކޮށްގެން، އެންޓީއެން ޕާޓްނާޝިޕާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން 538،967 (ފަސް ލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ފަސްދޮޅަށް ހަތެއް) ރުފިޔާގެ ބަޖެޓެއް އެކުލަވާލިއެވެ. އަދި މި ކޯޓުގެ މަސައްކަތް ނިމުނުއިރު، ކޯޓުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމުގެ އިތުރުން ސަޕޯޓަރުންނަށް ތިބެވޭނެ ސިޑިބަރިއަކާއި ޗޭންޖިން ރޫމެއް ވަނީ ގާއުމުކޮށްފައެވެ.

ކިނޮޅަސް އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވައި، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތަށް އެ ރަށުގެ ކައުންސިލާއި، ޒުވާނުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

"ރާއްޖެ.އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ކިނަޅޮސް ކައުންސިލުގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވީ ކިނޮޅަހަކީ ފުޓްބޯޅައަށްވުރެ ބޮޑަށް ވޮލީބޯޅައަށް ލޯބުކުރާ ޒުވާނުންތަކެއް އުޅޭ ރަށެއް ކަމަށާއި، އެގޮތުން މި މަސައްކަތަކީ ޒުވާނުންގެ ބުރަ މަސައްކަތް ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށެވެ. އަދި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރާ މިފަދަ މަސައްކަތަކަށް ރަށުގެ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބުން ކަމަށްވެސް ވިދާޅުވިއެވެ.

އަޙްމަދު ހުސެއިން އިތުރަށް ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއިން ދިން ބަޖެޓާއެކު އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ ސިޑިބަރި އާއި ޗޭންޖިން ރޫމް ގާއިމުކުރުމަށް ރަށުގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ. އަދި ހާއްސަކޮށް މި މަސައްކަތް ހަވާލުކުރި އެންޓީއެން ޕާޓްނާޝިޕުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށާއި، އެގޮތުން އެ ކުންފުނިން މި މަސައްކަތްކޮށްފައިވަނީ އިޖުތިމާޢީ މަސައްކަތެއްގެ ގޮތުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިނަޅޮހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލަފައިވީ ނަމަވެސް، އެ ކޯޓު އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. އަޙްމަދު ހުސެއިން ވިދާޅުވީ ކޯޓު ރަސްމީކޮށް ހުޅުވަން ބޭނުންވަނީ ކުޅިވަރާ ބެހޭ ވަޒީރާއެކުގައި ކަމަށާއި، އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އެކަން ކުރެވެން ނެތުމާއެކު، ރަސްމީކޮށް ހުޅުވުން މަޑުޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް ކުޅުންތެރިންނަށް މިހާރު ވޮލީބޯޅަ ކޯޓު ބޭނުންކުރެވޭނެ ކަމަށާއި، އަދި މަ މަހުގެ ތެރޭގައި އެ ކޯޓުގައި ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިނަޅޮހުގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އއ. އުކުޅަހާއި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ. ރާއްޖޭގެ ތިން ރަށެއްގައި މިހާތަނަށް އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައިވާއިރު، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސް ނަންގަވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް