މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ހަމަޖެހިފައިވާ މީހުންނާއި ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހޭނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 12-8 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތަކަށް ކަމަށެވެ. އަދި އެފަރާތްތައް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ހަމަވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19ގެ ހޮޓްލައިން 1676 އަށް ގުޅާ ނަންނޯޓުކޮށް މައުލޫމާތު ދޭންޖެހެއެވެ. އަދި [email protected] އަށް މައުލޫމާތާއެކު އީމެއިލް ކުރުމަށް އެޗްޕީއޭ އިން އެދެއެވެ. ވެކްސިންޖެހުމަށް ނަން ނޯޓުކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި، ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑު، އައިޑީ ކާޑު، ޓިކެޓް ނުވަތަ ދަތުރަށް ފުރާކަން އެނގޭނެ ލިޔުން، ބޭސް ފަރުވާއަށް ފުރަންޖެހޭކަމުގެ ލިޔުން އަދި ދަރިވަރެއް ނަމަ ޔުނިވަރސިޓީގެ ލިޔުމާއި ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ހިމެނެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މަރޗް 15ގައި މެދުކަނޑާލާފައިވާއިރު، މިހާރު ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ހޯމަ ދުވަހު ޖަހަން ފަށާނީ ޗައިނާގެ ސިނޮފަރމް ކުންފުނިން އުފައްދައި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 218،912 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 121،630 މީހުންނާއި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 97،282 މީހުންނެވެ. މިހާރު ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފަރމް އިން އުފައްދާ ކޮވިޑް ވެކްސިނަށެވެ.