މާލެ ސަރަޙައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަޙައްދުން ވެކްސިން ނުޖަހާ ފަރާތްތަކަށް ހޯމަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ފަށާއިރު، ހޯމަ ދުވަހު ޖަހަން ފަށާނީ ޗައިނާގެ ސިނޮފަރމް ކުންފުނިން އުފައްދައި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ކަމަށެވެ. މިއީ ފުރަތަމަ ބުރުގައި އެކި ސަބަބުތަކާހުރެ ވެކްސިން ނުޖެހިވާ ފަރާތަކަށް އަލުން ވެކްސިން ޖެހުމަށް ހުޅުވާލި ފުރުސަތެއްކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ވެކްސިނަކީ ޗައިނާގެ ސިނޮފަރމް (ބެއިޖިންގ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްސްޓްސް ކޮމްޕެނީ ލިމިޑެޓް) އިން އުފައްދާފައިވާ ވެކްސިނެކެވެ. އެގޮތުން މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރުވެސް 20 ޤައުމަކުން ދީފައިވާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން، ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް ބޭނުން ކުރަން ޖެހޭ މީހުންނާއި، މާބަނޑު އަންހެނުންނަށް ސިނޮފަރމް ވެކްސިން ނުޖަހާނެ ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 28 ދުވަސްފަހުން ވެކްސިން ޖެހިދާނެކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައި (އޯރގަން ޓްރާންސްޕްލާންޓް) ވާ މީހެއްނަމަ، ޓްރާންސްޕްލާންޓަށް 3 މަސް ފުރުމުން މި ވެކްސިން ޖެހިދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެޗްޕީއޭއިން ބުނީ، ދެ ޑޯޒް ޖަހާ މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 3-4 ހަފްތާ ފަހުންކަމަށެވެ.
މި ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ގައި ހިރުވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުމުގެ އިތުރުން، ހޮޑުލެވުމާއި، ހުޅުތަކާއި ގައިގެ މަސްތަކުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިއީ ވެކްސިން ޖެހުމުން އާންމުކޮށްވެސް ދިމާވާނެ މައްސަލަތަކެއްކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.
ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. އޭރު ގާތްގަނޑަކަށް އާބާދީގެ 46 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.