ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ކަންބޮޑުވުންތަކާ ގުޅިގެން، މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތްދޭ ގަޑިއަށް އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ.
ކެފޭތަކުން ޚިދުމަތްދެވޭ ގަޑި ރޭގަނޑު 8:00 އާ ހަމައަށް އޮތް އޮތުން ،އިތުރު 4 ދުވަހަށް ދިގު ދައްމާލުމަށް ހޮނިހިރު ދުވަހު ނިންމުމަށްފަހު، އެ ނިންމުން އުވާލައި ރޭގަނޑު 10:30 ވަންދެން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދެވޭ ގޮތަށް ބަދަލު ގެނެސްފިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގެވުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙީ ރައްކާތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރޗް 2020 ގައި، މިނިސްޓަރ އޮފް ހެލްތް އިޢުލާނު ކޮށްފައިވާތީ، މި ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ދިނުން ރޭގަނޑު 10:30 އާ ހަމައަށް ހުޅުވައިލުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އަންގާފައިވެއެވެ.
މި އެންގުމަށް ޢަމަލުކުރަން ފެށުމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހޮނިހިރު ދުވަހު އަންގާފައިވާ އެންގުން ވަނީ ބާތިލުވެފައެވެ. ހޮނިހިރު ދުވަހު އެންގި އެންގުމުގައިވަނީ މާލެ ސަރަޙައްދުގައި ފެންނަ ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ދަށްނުވެ، އިތުރުވަމުން އަންނައިރު، ހޮނިހިރު ދުވަހުގެ ރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާއެންގެވުމުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި، އާންމު ޞިއްޙަތުގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭޚާއްޞަފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، 20 މާޗުން ފެށިގެން 24 މާޗުގެ ނިޔަލަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންނުން ޚިދުމަތްދޭ ގަޑިތަކަށް ކުރިން ގެނެސްފައިވާ ބަދަލު ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00ން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30ން ފެށިގެން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. އަދި މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވެއެވެ.