ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 22:13
ޓީޖެޓީ ސަރަޙައްދުގައި އެސްޓީއޯއިން ގާއިމުކުރި ފުޑް ހަޓުތަކުގައި ބަޔަކު އިޝީންދެގެން
ޓީޖެޓީ ސަރަޙައްދުގައި އެސްޓީއޯއިން ގާއިމުކުރި ފުޑް ހަޓުތަކުގައި ބަޔަކު އިޝީންދެގެން
ރާއްޖެއެމްވީ
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދެވޭ ގަޑިއަށް ގެނައި ބަދަލު އިތުރު ހަތަރު ދުވަހަށް ދަންމާލައިފި
ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00ން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައި
ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައްވެސް ރޭގަނޑު 10:30ން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައި
މާލެ ސަރަޙައްދުގައި ކޮވިޑުގެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައި

މާލެ ސަރަޙައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޑައިންކުރެވޭ ގަޑިއަށާއި، ޓޭކްއަވޭ އަދި ޑެލިވަރީގެ ގަޑިތަކަށް ގެނައި ބަދަލު އިތުރު 4 ދުވަހަށް ދަންމާލައިފިއެވެ.

މާލެ ސަރަޙައްދުގައި ފެންނަ ކޮވިޑް-19 ގެ ކޭސްތަލުގެ އަދަދު ދަށްނުވެ، އިތުރުވަމުން އަންނައިރު، ހޮނިހިރު ދުވަހުގެ ރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާއެންގެވުމުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ޞިއްޙަތުގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭޚާއްޞަފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، 20 މާޗުން ފެށިގެން 24 މާޗުގެ ނިޔަލަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންނުން ޚިދުމަތްދޭ ގަޑިތަކަށް ކުރިން ގެނެސްފައިވާ ބަދަލު ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00ން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30ން ފެށިގެން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. އަދި މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އަންގާފައިވެއެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދިޔުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ކޮވިޑުގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، 100ން މަތިން ކޭސްތައް ރިޕޯޓުކުރަމުން އަންނަތާ ދޮޅު މަސް ދުވަސް ވަނީ ވެފައެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، އާންމުންގެ ފަރާތުން އެންމެ އެކަށޭނެ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:00ން ފެށިގެން ކެފޭ ރެސްޓޯރަންޓްތަކުން ޑައިނިން މަނާކުރުމާއި، އިރުއޮއްސި 6:00ން ހެނދުނު 6:00ށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން، ރޭގަނޑު 11:00ން ފަތިހު 4:30ށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެއްފަހަރާ ފަސް މީހުންނަށްވުރެ އިތުރަށް އެއްތަނަކަށް އެއްނުވުމާއި، ޕާޓީތަކާއި ހަފުލާތަކާއި އެއްވުންތައް ބޭއްވުން މަނާކޮށްފައިވާއިރު، މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށް އަންގާފައިވާއިރު، ޒަރޫރީ ބޭނުންތަކަށް ރަށްރަށަށްދާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ގެންދިއުމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް