ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 16:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާ މެސެޖް
ޓެންޒޭނިއާގެ އައު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
 
ރައީސް ސަމިއާ ސުލޫހޫ ޙަސަން އަކީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާ
 
ރައީސުލްޖުހޫރިއްޔާވަނީ، ޓެންޒެނިޔާގެ 5ވަނަ ރައީސް އަވަހާރަވުމާއި ގުޅިގެންވެސް ވަނީ ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސް ކަމުގެ މަޤާމާއި ސަމިއާ ސުލޫހޫ ޙަސަން ޙަވާލުވެވަޑައިގަތުމާއި ގުޅިގެން އެ ކަމަނާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސްއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ޓެންޒެނިޔާގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޮވިޑް-19ން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޓެންޒެނިޔާގެ ރައީސްއަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުހޫރިއްޔާވަނީ، ޓެންޒެނިޔާގެ 5 ވަނަ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގުފުލީ އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގެ ރައީސް ސަމިއާ ސުލޫހޫ ޙަސަންއަށް ތަޢުޒިޔާ ވިދާޅުވެ ވަކި މެސެޖެއް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިމަހުގެ ކުރީކޮޅު ރައީސް ޖޯސެފް މަގުފުލީ އަވާހަރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެންޒެނިޔާއަށް ކުރިމަތިވި މި ހިތާމައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު، ދިވެހިރާއްޖެއިން ވެސް ކޮމަންވެލްތު ޢާއިލާގެ މެންބަރެއްގެ ގޮތުން ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެންޒެނިޔާގެ 6 ވަނަ ރައީސްގެ ޒައާމަތުގައި ދެޤައުމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެންޒެނިޔާގެ ރައީސް ޖޯސެފް މަގުފުލީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ރައީސް މަގުފުލީގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވުމާ ގުޅިގެން ހުކުރު ދުވަހު އެ މަޤާމުގެ ހުވާ ކުރައްވާފައިވަނީ އެ ގައުމުގެ ނާއިބު ރައީސާ ސަމީއާ ސުލޫހް ޙަސަންއެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީ "މަމާ ސަމީއާ" ގެ ނަމުންނެވެ. ސަމީއާއަކީ 2015 ވަނަ އަހަރު މަގުފުލީގެ ރަނިންގ މޭޓެވެ. އަދި މަގުފުލީގެ ދައުރުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރައްވާނީ ސަމީއާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަގުފުލީ އަވަހާރަވެއްޖެކަން ބުދަދުވަހު އިއުލާނު ކުރެއްވީ ވެސް ސާމިއާ ސުލުހޫ ހަސަންއެވެ. އެގައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް މިކަން އިއުލާން ކުރައްވަމުން، އޭނާ ވިދާޅުވީ، އުމުރުފުޅުން 61 އަހަރުގައި މަގުފުލީ އަވަހާރަވެފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ކަމަށެވެ. މިކަމަށް މަގުފުލީ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދިހަ އަހަރު ވެއްޖެއެވެ. މިހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ދާރުއްސަލާމްގައި ހުންނަ ހޮސްޕިޓަލެއްގައި އޭނާ ވަނީ އެޑްމިޓް ވެސް ކުރެވިފައެވެ. ރައީސް އަވަހާރަވުމާ ގުޅިގެން އޭރު ސަމީއާ ވަނީ، ގައުމީ ހިތާމައިގެ 14 ދުވަސް އިއުލާނު ކުރައްވާފައެވެ. ސަމީއާ ވެގެންގޮސްފައި މިވަނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާ އަށެވެ. އަދި އޭނާއަކީ އެފްރިކާގެ އިރުމަތީ ބިތުގެ ގައުމެއްގައި ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ލީޑަރު ވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް