ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 07:56
ރިލުވާނު ވަގަށް ނެގިތާ ބަރާބަރު 1000 ދުވަސްވީއިރު، އަދިވެސް ވީ ނުވީއެއް ނޭނގޭ
ރިލުވާނު ވަގަށް ނެގިތާ ބަރާބަރު 1000 ދުވަސްވީއިރު، އަދިވެސް ވީ ނުވީއެއް ނޭނގޭ
ރާއްޖެ އެމްވީ
ރިލުވާނު ވަގަށްނެގުން
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
ރިލްވާނާއި، ޔާމީނަކީ، މޭ ޤައުމަށްޓަކައި ދިއްކޮށްލި ދެ ޒުވާނުން
ރިލުވާނު ގެއްލުވާލުމަކީ ރާވައިގެން ހިންގި ބޮޑު އޮޕަރޭޝަނެއްކަމަށް ޢާއިލާއިން ތުހުމަތުކުރޭ
ފުލުހުންގެ އިހުމާލު މި މައްސަލައިގައި އޮތްކަމަށް އާއިލާއިން ދެކޭ

"ކިޑްނެޕްކުރީއެވެ. ކުރާނެކަމެއް ނެތެވެ! މާތް ރަސްކަލާނގެއާ ވަކީލެވެ. ރިލްވާނަކީވެސް އިންސާނެކެވެ. މި ދިވެހިބިމަށް އުފަން ދިވެހި ދަރިއެކެވެ. މި އުންމަތަށް ޝަހާދަތްކިޔައިގެން ހުރި އިސްލާމެކެވެ. ތަޢުލީމީ ޒުވާނެކެވެ. އަދި، ނޫސްވެރިއެއްވެސް މެއެވެ. ނަމަވެސް، އޭނާގެ ޚަބަރެއް ނުވާތާ، ބަރާބަރު 1000 ދުވަސް ވީއިރުވެސް އޭނާ ދުނިޔޭގައި ހުރިކަމެއް ނުވަތަ މަރާލީކަމެއްވެސް ޒުވާނުންގެ ސަރުކާރަށް ވަނީ މިއަދާހަމައަށްވެސް ބުނެ ނުދެވިފައެވެ" މީ ރިލުވާނު ގެއްލުނުތާ 1000 ދުވަސްވެ އަދިވެސް އޭނާގެ ޚަބަރެއް އަދި ވީ ނުވީއެއް ސަރުކާރަށް ހޯދިފައި ނުވާތީ ރިލުވާނުގެ އާއިލާން ނެރުނު ބަޔާނުގެ ފުރަތަމަ ޕެރެގްރާފެވެ.

 

އިންތިހާއަށް ހިތްދައްޗެވެ. ވީ ނުވީއެއް ނޭނގިވާއިރު، ދުނިޔޭގައި ހުރިކަންވެސް އަދި ނެތްކަންވެސް އެނގެނީއެއް ނޫނެވެ. އާއިލާއަކަށާއި މަޔަކާއި ބަފައަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ހިތްދަތި ކަންތައް ރިލުވާނުގެ އާއިލާއިން އެދަނީ ތަހައްމަލުކުރަމުންނެވެ.

 

ރަހުމުކުޑަބައެއްގެ ހަމަލާއއެއްގައި، ކުޑަމިނުން އޭނާ ވީ މަރުވެފައިކަން އެނގޭނަމަ ފާތިހާވެސް ކިޔަވާލާ ހެއުދުއާ ކޮށްލައެވުނީސްކަމަށް އާއިލާއިން  ދަނީ ބުނަމުންނެވެ.

 

އެ މައުސޫމު ކުށެއްނެތް ޒުވާނާ ވަގަށްނެގިތާ 1000 ދުވަސް ވީއިރުވެސް ރައްޔިތުންގެ ބަލަދުވެރި ފަރާތްކަމަށްވާ ޒުވާނުންގެ ސަރުކާރާއި، އެސަރުކާރުގެ ފުލުހުން މިމައްސަލާގައި އިހުމާލުވެ އަދި ފެއިލްވެއްޖެ ކަމުގައި، ޢާއިލާއިން ބުނަން މަޖުބޫރުވެއްޖެ ނޫންތޯއެވެ. އެކަމަކު، ރިލްވާން ދިރިހުއްޓާ ފެންނާނެކަމަށް ޢާއިލާއިން ކުރާ އުއްމީދުތަކަށް އަދިވެސް ކުޑަވެސް ބަދަލެއް ނާދެއެވެ. ރިލްވާނަށް ވީގޮތެއް އެނގޭނީ އެކަން ކުރިބަޔަކަށެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ އެވެ. އެއީ ސިއްރުގައާއި ފާޅުގާ ކުރެވޭ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.

 

ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތްކަމަށް ވިޔަސް، ރިލްވާން ވަގަށްނެގި ހާދިސާއާ ގުޅުންހުރި އެތަކެއް ދަލީލާއި ގަރީނާ އެބަހުރިކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އިނގިލި ދިއްކޮށް އިޝާރާތްކުރާނެ އެތައް ފަރާތެއްވާކަމަށް އާއިލާއިން އެދަނީ ބުނަމުންނެވެ. ނަމަވެސް، ހިތާމައަކީ 1000 ދުވަސް ވެގެން ދިޔައިރު ރިލްވާން އެރޭ ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމާ އެކާރުން ފެނުނު އިސްތަށްޓަކުން ނެގި ޑީއެންއޭ އާ ރިލްވާންގެ މަންމަގެ ޑީއެންއޭ އާ ދިމާވާކަމަށް ބުނުން ފިޔަވާ އެއްވެސް އެއްޗެއް މިހާތަނަށް ފުލުހުންނަށް އާއިލާއަށް ބުނެދެވިފައި ނުވުމެވެ. ރިލުވާނުގެ އާއިލާއިން ދެކޭގޮތުގައި މިކަމުންވެސް ފުލުހުން މިކަން ތަޙްޤީޤު ކޮށް ނުބަލާކަން ދިމާއަށް އެ އޮތީ ހާމަވެ ފެންނާށެވެ.

 

ޔަގީންކަމާއެކު އެނގެނީ، ރިލްވާން ވަގަށްނެގީ ހުޅުމާލޭގައި ކަމެވެ. ވީއިރު، އެރޭ ހުޅުމާލޭގައި ޕެޓްރޯލްކުރި ފުލުހުންނަށް، އެކަމުގެ އެއްވެސް އިޝާރާތެއް ނުވާކަމަށް ބުނުމަކީ (ނުވަތަ އިޝާރާތް ނުވުމަކީ) ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ބޮޑު ޖަރީމާއެއް ހިންގާއިރު ރޭކާވެސް ނުލާކަމަށް ވަންޏާ "ޕެޓްރޯލް ކުރުމުގެ" އޮތީ ކޮން ބޭނުމެއް ތޯއެވެ.

 

މިއީ، ރާވައިގެން ހިންގި ބޮޑު އޮޕަރޭޝަނެކޭ ޢާއިލާއިން ކުރާ ތުހުމަތަށް ބާރުލިބޭ ހެކިތައް އެބަހުއްޓެވެ.

 

ރިލްވާން ގެ އެޕާޓްމަންޓް ކުރިމަތިން އޭނާ ރަހީނުކޮށް، ވަޅިން ބިރުދައްކައި، ރަތްކާރަށް އެރުވި މަންޒަރުދުއް މީހާ ވަގުތުން ފުލުހުންނަށް ފޯނުކުރުމުން ފޮނުވި ފުލުހުން އެތަނަށް އައިސް، ވަޅި ހިފައިގެން ދިއުންފިޔަވާ އެހެން އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ހުޅުމާލޭގައި އެރޭ ޑިއުޓީގައި ތިބި ހުރިހާ ފުލުހުން ފުރިހަމައަށް އިހުމާލު ވެއްޖޭ ނުބުނެ ބުނާނެއެހެން އެއްޗެއް ނެތްކަމަށް އާއިލާއިން އެދަނީ ބުނަމުންނެވެ. އަދި މިހިސާބަށް އައިއިރު، ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބައްތިއްބައިގެން ސުވާލުކޮށްލުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނެތުމާ އެތުހުމަތު ކުރި މީހުންވެސް މިހާރު މި މުޖުތަމަޢުގައި ދޫވެގެން އުފަލުން އުޅެމުންދާކަމީ ހިތާމައިން ފުރިގެންވާ ކަމެކަމަށް އާއިލާއިން ފާހަގަކުރެއެވެ.

 

ސަރުކާރުން ބޭނުންވާ މައްސަލަ ތަކާއި ޝަރީއަތްތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތަހްޤީޤު ކުރެވި އެބަޔަކަށް އަދަބު ދެމުންދާ މަންޒަރު ލޯކުރިމަތިން ދަނީ ފެންނަމުންނެވެ. އެފެންވަރުގެ ތަޙްޤީޤެއް ރިލްވާންގެ މައްސަލާގައި ހިންގައި ނުދިނީމާ، ޖަރީމާއޭ، އިހުމާލޭ، ނުކިޔަ ކިޔާނެ އިތުރު އެއްޗެއް ނެތެވެ. ރިލްވާން ވަގަށް ނެގުމުން ރިލްވާންގެ ޢާއިލާއާއި ރަޙްމަތްތެރިން މަގުމައްޗަށް ނުކުމެ، ރިލުވާންގެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެންމެ ހަރުއަޑުންގޮވާލާ ހުއްޓުމެއްނެތި "މޮޔަމީހާ" ހޯދުމަށް ހުރިހާވަގުތެއްހެން ހޭދަކުރި ރިލްވާންގެ ބެސްޓް ފްރެންޑް ޔާމީން ރަޝީދަށް އެތަކެއް އިންޒާރުތަކެއް ދިނުމަށްފަހު ވަނީ ނުހަނު ރަހުމުކުޑަ އަނިޔާވެރިގޮތަކަށް އެވަނީ މަރާލާފައެވެ.

 

މީ ކޮޅުންނެތް ކޮޅަށް ހިތާމަހުރި ކަމެކެވެ. މިކަމުން ދޭހަވަނީ މިރާއްޖޭގައި ވަކި ފިކުރަކަށް ތާއީދުނުކުރާ އެއްވެސް ރައްޔިތަކަށް މިހާރު ރައްކާތެރިކަމެއް ނެތްކަމެވެ.

 

ރިލްވާން ހޯދައިދިނުމުގައި ސަރުކާރު ނުކުޅެދިއްޖެކަމަށް އާއިލާއަށް ފެންނަނީ، މިކަހަލަ ކަންތައްތަކާ ހެދިއެވެ. މިހިތާމަވެރި ހާދިސާއާ ރިލްވާނާއި އަދި ޔާމީނަށް ކުރިމަތިލާން މިޖެހުނީ ކޮރަޕްޝަނުގެ ހާއްޔާއި ދިމާއަށް އެ އެ ދެ ޒުވަނުންގެ ލޮލާއި ގަލަން ހިންގަން ފެށުނީތީކަމަށް އާއިލާއިން ބުނެއެވެ.

 

ކޮރަޕްޝަނުން ނާނޭފިއްލަވައި، އެއިން ޒާތީ ޖަދަލުކޮށް، ސިޔާސީ ވާގި ހޯދައި، އިދިކޮޅު ލީޑަރުން ތެޔޮހާނާ ގޮށްމުށުގެ ބާރާއި ވައި އެޅުނީމައި ނުވެނުދާނެ ހުރިހާގޮތެއްވެސް ވާނެއެވެ.

 

މިނިކާ ވަގަށް މިނިމަސް މީރުވާނެއެވެ. އެކަން ނޭނގޭ ބަޔަކު އުޅޭނެހެނެއް ހިޔެއްނުވެއެވެ. ރިލުވާނާއި ޔާމީން ރަޝީދަށްވެސް މިނިކާވަގުންގެ ނުރައްކާތެރިކަން ނޭނގެނީކީ ނޫނެވެ. އެހެންނަމަވެސް ހިތްވަރާއިއެކު އެ ދެ ޒުވާނުންގެ މޭ ގައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމުގެ ނަތީޖާއަކީ، "ރަތްކާރާއި ހަންޖަރެކެވެ."

 

އާއިލާއާއި ހެއުއެދޭ ރަށްޓެހިން ހެއުދުއާ ކުރުމުގައި، އިންސާފުގެ ކަންފުޅެއްވެސް ލިބޭނެކަމުގެ އުންމީދުގައި ކަރުނަ އަޅާލަ އަޅާލައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 މެއި 2017 | ބުރާސްފަތި 08:18
އާސިމް
ވަރަށް ދެރަ
4 މެއި 2017 | ބުރާސްފަތި 05:06
ޢަބަދުވެސް
Bune angameve. Fuluhun magumathee ulheny lainun byruga hunna cykalga istikaajahaasheve. Ei nuhanu hikumathaai mathee thauleem libigen menuvee kurevyne kameh nooneve