ސްރީލަންކާއިން އިމަރޖެންސީ ހާލަތުގައި ޗައިނާގެ ސިނޮފާރމް ވެކްސިން ޖެހުމުގެ ހުއްދަ ދީފިއެވެ.
އެ ގައުމުގެ ނެޝެނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރްއޭ)ން ހޮނިހިރު ދުވަހު ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު މިއީ ސްރީލަންކާގައި ހުއްދަ ދީފައިވާ ތިން ވަނަ ވެކްސިނެވެ. އެ ގައުމުން މީގެ ކުރިން ރަޝިއާގެ ސްޕަޓްނިކް 5 ވެކްސިނުގެ އިތުރުން އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނަށް ވެސް ވަނީ ހުއްދަ ދީފައެވެ. ސްރީލަންކާގައި ވެކްސިންދިނުމުގެ ޕްރޮގްރާމް ހަލުވިކަމާއެކު ކުރިއަށް ދާއިރު އެގައުމުގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ 150،000 ފްރަންޓްލައިން މުވައްޒަފުންނާއި 115،000 ފުލުހުންނާއި ސިފައިންނަށެވެ.
ސިނޮފާރމްގެ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރީސާރޗް އަދި ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރިސާރޗުން ވަނީ ކޮވިޑް-19އަށް ވެކްސިނެއް އުފައްދާފައެވެ. އެގޮތުން ވޫހާން އިންސްޓިޓިއުޓްގެ ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ޗައިނާ އަދި ޔޫއޭއީން ދީފައިވާއިރު، މިވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ބެއިޖިން އިންސްޓިޓިއުޓުން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިނަކީ 79 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށް ދައްކާފައިވާ އިރު، މިވެކްސިނަކީ ދެ ޑޯޒުން ތިން ހަފުތާގެ ދުރުމިނުގައި ދޭން ޖެހޭ ވެކްސިނެކެވެ.