63 ވަނަ ފަަހަރަށް ރާއްޖެ އައި ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިޔާއަކީ ނަޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާރކް ނިޓެލްއެވެ. މި ދެމީހުންނަކީ ވެސް ފްރާންސްއަށް ނިސްބަތްވާ ދެމީހުންނަށްވާއިރު އެ ދެމީހުން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ 1991 ވަނަ އަހަރުން ފެށިގެން ކަމަށާއި ކޮންމެ ފަހަރަކު ވެސް ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަން ދެކިލާ، ރާއްޖެއިން ލިބޭ މެހެމާންދާރީގެ ސަބަބުން ކަަމަށެވެ.
މި ދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް އިން ވަނީ ހަދިޔާތަކެއް ދީފައެވެ. އަދި އެއަރޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖް އިން ވަނީ އެމީހުންގެ ޝަރަފުގައި ކޭކެއް ވެސް ފަޅާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް ވިދާޅުވީ މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި މިވަނީ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ދަށުން ކަމަށާއި މިނިސްޓްރީގެ އަމާޒަކީ މިގޮތަށް އަބަދު އަންނަ ފަތުރުވެރިންގެ އަގު ވަޒަންކޮށް ކުރުން ކަމަށެވެ.
އަހްމަދު އާތިފް ވިދާޅުވީ މޯލްޑިވްސް ބޯޑަރ މައިލްސް ވެސް ތަރުހީބު ލިބެމުން އަންނަ ކަމަށާއި ބޯޑަރ މައިލްސް ޕްރޮގްރާމްގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ފަތުރުވެރިންނަށް ޙާއްސަ، އަދި މި ޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމުގެ ޕާރޓްނަރުންނަށްވާ ފަރާތްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށް ކަމަށްވާއިރު، އަދި ޙާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ. އެހެންކަމުން ޕާރޓްނަރުންނަށްވާ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ޕޮއިންޓް ލިބޭ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޙާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލް ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލް ކުރާ ދަރަޖައަކާއި ގުޅޭ ޙާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރު ވެގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މަޤުބޫލުކަން އިހުނަށްވުރެން މުޅި ދުނިޔޭގައި އިތުރުވެގެން ދާނެކަމަށާއި، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާ ގޮތެއްގައި ލިބިގެންދާނެ ކަމެއް ކަމަށް، ދެކެވަޑައިގަންނަވާ ކަމަށް މިޕްރޮގްރާމް އިފްތިތާޙު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.