ނޯވޭ، ސްވިޑަން އަދި ޑެންމާކްއަށް އެސްޓްރަޒެނެކާ ވެކްސިންގެ ޔަޤީންކަން ކަށަވަރު ނުވާކަމަށާއި، މި ސަބަބައްޓަކައި މި ޤައުމުތަކުގައި މި ވެކްސިން އަލުން ޖަހަން ފަށަން ނިންމާފައި ނުވާކަން ހާމަކޮށްފިއެވެ.
މި ތިން ޤައުމުން މިހެން ހާމަކޮށްފައިވާއިރު، އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، ވެކްސިން ޖެހުން ހުއްޓާލި ޤައުމުތަކުން އަލުން ވެކްސިން ޖަހަން ފަށަން ނިންމާފައިވާކަން ދަނީ ހާމަކުރަމުންނެވެ. ޔޫރަޕްގެ ޤައުމުތަކުން ނިންމާފައިވާ މި ނިންމުން ބަދަލުކުރަން ފަށާފައިމިވަނީ، އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިން އޭޖެންސީ، އީއެމްއޭ އަދި ޑަބްލިއުއެޗްއޯގެ ޚާއްސަ ދިރާސާ ޕެނަލުން ކަށަވަރު ކޮށްދީފައިވާ ދަނޑިވަޅެއްގައެވެ. އީއެމްއޭއިން އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ވަނީ ޚާއްސަ ދިރާސާތަކެއް ކޮށްފައެވެ. އީއެމްއޭގެ ފާމަކޯވިޖިލެންސް ރިސްކް އެސެސްމަންޓް ކޮމިޓީއިން ކުރި ދިރާސާގެ ހޯދުންތައް ހާމަކޮށް އެ އޭޖެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމުން ލޭގަނޑުވުން ނުވަތަ ބްލަޑް ކްލޮޓް އުފެދޭލެެއް ގިނަވެ ސިއްޙަތައް ނުރައްކާވާކަމަށް ނުދައްކާކަމަށް ބުނެފައެވެ. ޔޫރަޕްގެ ޤައުމުތަކުން މި ވެކްސިން ޖެހި 17 މިލިއަން މީހުންގެ ތެރެއިން 37 މީހެއްގެ ލޭ ގަނޑުވުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، މިކަން އިތުރައް ދިރާސާ ކުރަމުންދާކަމަށް އީއެމްއޭއިން ވަނީ ބުނެފައެވެ. އީއެމްއޭއިން މި ދިރާސާގެ ހޯދުންތައް ހާމަކުރުމުގެ ކުރިންވެސް ވަނީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިންގެ ރައްކާތެރިކަމާމެދު އެއްވެސް ޝައްކެތް ނެތްކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ވެކްސިނުން ކުރާ ސައިޑް އިފެކްޓްސް ކުރީގައި ލަފާކުރި ވަރަށްވުރެ އިތުރުކަމަށް މި އޭޖެންސީން ވަނީ ބުނެފައެވެ.
އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވުމާއެކު، މީގެކުރިން މި ވެކްސިން ޖަހުމާ ދެކޮޅަށް ތިބި ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ނިންމުން ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރަން ފަށާފައެވެ. އެގޮތުން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގައި ހުކުރު ދުވަހުން ފެށިގެން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމަށް ހުއްދަދޭން ދެ ޤައުމުގެ ބޮޑު ވަޒީރުން ވަނީ ނިންމާފައެވެ. އަދި ސްޕޭނުން ވަނީ ބުދަ ދުވަހު އެސްޓްރަޒެނެކާގެ ވެކްސިން ޖެހަން ފަށާނެކަން ހާމަކޮށްފައެވެ. މީގެ އިތުރުން އަޔަލޭންޑް، ސައޮޕްރަސް، ލަޓްވިއާ، ލިތުއޭނިއާ، ނެދަލޭންޑްސް އަދި ޕޯޗުގަލްއިންވެސް ވަނީ އެޤައުމުތަކުގައި އެސްޓްރާޒެނެކާގެ ވެކްސިން އަލުން ޖަހަން ތައްޔާރުވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް، ނޯވޭ، ސްވިޑަން އަދި ޑެންމާކްއަށް އެސްޓްރަޒެނެކާ ވެކްސިންގެ ޔަޤީންކަން ކަށަވަރު ނުވާކަމަށް ބުނެ މި ޤައުމުތަކުގައި މި ވެކްސިން އަލުން ޖަހަން ފަށަން ނިންމާފައި ނުވާކަން ވަނީ ހާމަކޮށްފައެވެ. މިގޮތައް ނިންމުން ނިންމީ އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިން އޭޖެންސީ، އީއެމްއޭއިން ކަނޑައަޅާ ރިޕޯޓް ހާމަކޮށްފައިވިޔަސް، މި ރިޕޯޓްގެ ކަންކަން އެނަލައިޒްކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެއެވެ. އަދި ވަކިން ޚާއްސަކޮށް އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަމަށް އީއެމްއޭއިން ބުނިނަމަވެސް، މި ވެކްސިން ޖެހި ބައެއް މީހުންގެ ކިބައިން ލޭ ގަނޑުވުމުގެ ކޭސްތަކެއް ފެންމަތިވުމާއި ގުޅިގެން މިކަން އިތުރައް ތަޙުޤީޤުކުރަން އީއެމްއޭއިން ނިންމުމަކީވެސް މި ތިން ޤައުމުގެ ނިންމުން ބަދަލުކުރަން ނިންމި އެއް ސަބަބުކަމަށް ބެލެވެއެވެ. މި ޤައުމުތަކުންވަނީ އެ ޤައުމުތަކުގައި އެސްޓްރަޒެނެކާގެ ވެކްސިން އަލުން ޖަހަން ފަށާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަންކަން ސާފުވުމުން އެކަނިކަމަށް ބުނެފައެވެ.
ނޯވޭ، ސްވިޑަން އަދި ޑެންމާކްއަށް އެސްޓްރަޒެނެކާ ވެކްސިންގެ ޔަޤީންކަން ކަށަވަރު ނުވާކަމަށް ބުނެ މި ޤައުމުތަކުގައި މި ވެކްސިން އަލުން ޖަހަން ފަށަން ނިންމާފައި ނުވާކަން ހާމަކޮށްފައިވާއިރު، އެ ސަރަހައްދުގެ އެހެން ޤައުމެއްކަމަށްވާ ފިންލޭންޑުންވެސް ވަނީ އެސްޓްރަޒެނެކާ ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައެވެ. މިއާއެކު ފިންލޭންޑް ވެގެންގޮސްފައިވަނީ އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިން އޭޖެންސީ، އީއެމްއޭ އަދި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުން ކަށަވަރުކޮށްދިނުމަށް ފަހު މި ވެކްސިން ޖަހުން ހުއްޓާލި ފުރަތަމަ ޤައުމަށެވެ.