ހއ. ހޯރަފުށީގައި ޤާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓްގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ހއ. ހޯރަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ މަސްވެރިންނެވެ. އުތުރުގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހއ.ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެެވެ. ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި މިމަޝްރޫއު ކުރިއަށް ގެންދާއިރު، ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޗަންޕާ ބްރަދަރސްއިންނެވެ. މިފްކޯއިން ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެކަމަށް ބުނެފައެވެ.
4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ. އަދި މިފްކޯއިން ހޯރަފުށީގެ ބިމަށް ކުލި ދައްކާއިރު ފައިދާ، ކައުންސިލްއަށް ލިބޭގޮތަށް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ރާއްޖެ އެމްވީއަށް މަޢުލޫމާތުދެއްވަމުން ހޯރަފުށީގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިމަޝްރޫއާއެކު މަސްވެރިކަމުގެ އާއިލާތަކަށާއި، ރަށުގެ ތަރައްގީއަށް ބޮޑު ފައިދާއެއްް ލިބޭނެ ކަމަށެވެ. ވަހީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން މިހާރު ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށާއި، ރަނގަޅު ފުރުސަތުތަކެއް ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ފުރުސަތުތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.