ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތުމުން އެކަން ރަނގަޅަށް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ކޯލިޝަން އިން ބުނެފިއެވެ.
ކޯލިޝަން ކެންޑިޑޭޓްއެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް އޮތްކަމަށް އަޑު ގެތުރިފައި ވަނިކޮށް އެ ކޯލިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ފުރައްސާރަ އަކީ އެއްވެސް އިރެއްގައި ޕާޓީން ތަރުހީބުދީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނީ ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ކޯލިޝަންގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. އަދި ކޯލިޝަންގެ ގާނޫނީ ޓީމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޯލިޝަން އިން ބުނީ ކުށެއްގައި މީހަކު ހައްޔަރުކުރުމަކީ އެމީހަކަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމެއް ނޫންކަން އިލެކްޝަންސް ކޮމިޝަންނުން ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ކުޑަ ކަންކަން ނޫން ކަމަށާއި އެފަދަ މައްސަލަތައް އަވަސްކޮށް އެކަންކަމާ މެދު ގޮތް ނިންމުން އަވަސް ކުރުމަށް ކޯލިޝަން އިން އަބަދުވެސް ބާރު އަޅާ ކަމަށެވެ.