ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 12:10
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ރީ-ރަޖިސްޓަރކުރުމަށް އަލުން ހުޅުވާލުން
ވޯޓުގެ ސިއްރުކަން ގެއްލޭފަދަ 8000 މީހަކަށް އަލުން ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު
ރީ-ރަޖިސްޓްރޭޝަން ނިމުނުއިރު 8000 ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ރީ-ރަޖިސްޓަރކޮށްފައިވޭ
އެހެންތަނެއްގައި ރަޖިސްޓަރކުރުމުގެ ފުރުސަތު މިހަފްތާތެރޭގައި ހުޅުވާލާނެ

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އަށްހާސް މީހުންނަށް އަލުން ރީރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އެކަން ހާމަކުރައްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ނިމުނުއިރު 8000 ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ރީ-ރަޖިސްޓަރކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަރާތްތަކަށް މިހާރު ރަޖިސްޓަރކޮށްފައިވާ ތަން ނޫން އެހެންތަނެއްގައި ރަޖިސްޓަރކުރުމުގެ ފުރުސަތު މިހަފްތާތެރޭގައި ހުޅުވާލާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާރޗް މަހުގެ 2ން ފެށިގެން މާރޗު 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއެވެ. މިފުރުސަތުގައި 26،750 ފޯމު ހުށަހަޅާފައިވާކަމަށް ޝަރީފް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ  ވެބްސައިޓް (www.elections.gov.mv) އިން ޗެކްކުރެވޭނެއެވެ. އަދި އެސް.އެމް.އެސް (VR space IDNO Send to 1414 ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

އަންނަ އޭޕްރީލް މަހު އޮންނަ އިންތިޚާބަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ފަސްކުރުމަށްފަހު ބާއްވާ އިންތިޚާބެކެވެ. މިއިންތިޚާބު ކޮވިޑްގެ ހާލަތުގައި ބާއްވާތީ އިތުރު ޚަރަދުތައް ހިނގާނެކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އިތުރު އުނދަގޫތައް ކުރިމަތިވާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބަށް މީގެ ކުރިން ކަނޑައަޅާފައިވާ 51 މިލިއަން ރުފިޔާގެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ 29.8 މިލިއަން ރުފިޔާ މިހާރު ވަނީ އީސީއަށް ދޫކޮށްފައެވެ.

- ކޮމެންޓް