ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކާ އެގައުމުގެ ރިކޯޑް އަދަދަކަށް މީހުން ދެކޮޅުކަން އެގައުމުގައި ނެގި ޚިޔާލު ހޯދުމުގެ ޕޯލަކުން ދައްކައިފިއެވެ.
ބްރެޒިލް އަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމެވެ. އެގައުމަށް ވަނީ އައު ސަރޖެއް ކުރިމަތިވެފައެވެ. އަންގާރަ ދުވަހު ޝާއިއުކޮށްފައިވާ މިޚިޔާލު ހޯދުމުގެ ސަރވޭއިން ހާމަވެފައިވާގޮތުގައި ބްރެޒިލްގެ ރައްޔިތުންގެ ތެރެއިން 54 އިންސައްތަ މީހުންނަށް ބޮލްސޮނާރޯ އެގައުމުގައި ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.
ކޮވިޑް ކޮންޓްރޯލްކުރުމުގައި ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެގައުމުގައި ބޮލްސޮނާރޯއަށް އޮންނަ ތާއީދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންކަމުން އަންނަ އަހަރު އޮންނަ އިންތިޚާބުގައި ބޮލްސޮނާރޯއަށް ނާކާމިޔާބީއާ ކުރިމަތިވުމަކީ ވަރަށް ގާތްކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެގައުމުގައި ނެގެމުންދާ ޚިޔާލު ހޯދުމުގެ ޕޯލުތަކަށް ބަލާއިރު ބޮލްސޮނާރޯ މަގާމުން ދުރުކުރުމަށް ތާއީދުނުކުރާކަމަށް ޖެނުއަރީ މަހު 50 އިންސައްތަ މީހުން ވަނީ ބުނެފައެވެ. އެއިންސައްތަ މަރޗް މަހު ވަނީ 53 އިންސައްތައަށް މަތިވެފައެވެ.
ފާއިތުވި 24 ގަޑިއިރު ވެސް ވަނީ ރިކޯޑް މިންވަރަކަށް އެގައުމުގައި މިބަލީގައި މީހުން މަރުވެފައެވެ. އަދި އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން 2841 މީހުން މިބަލީގައި މަރުވެފައިވާއިރު 90،3030 މީހުންނަށް ވަނީ އަލަށް ކޮވިޑް ޖެހިގެން ފާއިތުވި 24 ގަޑިއިރު ވެސް ރިޕޯޓްކޮށްފައެވެ.