ބަހްރެއިންގެ ޕްރިންސް ޝެއިޚް މުހައްމަދު ހަމަދް މުހައްމަދު އަލް ޚަލީފާ ނޭޕާލްގެ މައުންޓް އެވަރެސްޓަށް އެރުމަށްޓަކައި ހަދިޔާއެއްގެ ގޮތުން ހުއްދަނުހޯދާ ވެކްސިން ޑޯޒްތަކެއް އެތުރިކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނޭޕާލުން ބުނެފައިވަނީ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަ ނުހޯދާ ބަހްރެއިންގެ ޕްރިންސް 2000 ވެކްސިން ޑޯޒް އެގައުމަށް އެތެރެކޮށްފައިވާކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަން ފަށާފައިވާކަމަށް ނޭޕާލުން ބުނެއެވެ.
ހޯމަ ދުވަހު ކަތަމަންޑޫ އަށް ޕްރިންސް ވަޑައިގަންނަވާފައިވާއިރު ބަހްރެއިންގައި ހުންނަ ނޭޕާލުގެ އެމްބަސީން ބުނެފައިވަނީ ވިލެޖްގައި ދިރިއުޅޭ މީހުންނަށް ޕްރިންސް ގެންނެވި އެސްޓްރަޒެނިކާ ވެކްސިންގެ ޑޯޒްތައް ބެއްސެވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިކަމާގުޅިގެން ޑިޕާޓްމަންޓް އޮފް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ސްޕޯކްސްމަން ސަންތޯޝް ކޭސީ އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވެކްސިން ޑޯޒްތައް ގެނެސްފައިވަނީ ކުރިން ނަގަންޖެހޭ ހުއްދަތައް ނުނަގާ އެއޮފީހުގެ ހުއްދަނެތިކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެކަން ކުރަން އޮންނަ ގަވާއިދުގެ ތެރެއިން ނޫންކަމަށް ވެސް ސްޕޯކްސްމަން ބުނެފައިވެއެވެ. އެހެންކަމުން މިކަން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި، އެއަށްފަހު ޕްރިންސް ގެންނެވި ވެކްސިންގެ ޑޯޒްތައް ބޭނުންކުރާނެތޯ ނުވަތަ ނުކުރާނެތޯ ނިންމާނެކަމަށް ސްޕޯކްސްމަން ބުނެފައިވެއެވެ.
ޕްރިންސް އާއެކު ބަހްރެއިންގެ ރޯޔަލް ގާޑްގެ މެމްބަރުން ވެސް ވަނީ ނޭޕާލުގެ ފަރުބަދައަށް އެރުމުގެ މިދަތުރުގައި ބައިވެރިވެފައެވެ. ބަހްރެއިންގެ ޕްރިންސް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުވެސް ނޭޕާލްގެ ދެ ފަރުބަދައަކަށް އަރާފައެވެ.
އޭރު ކޮވިޑްގެ ސަބަބުން އެހެން ގައުމުތަކުގެ މީހުންނަށް ނޭޕާލަށް އެތެރެވުން މަނާވެފައިވީނަމަވެސް ނޭޕާލްގެ ސަރުކާރުން ވަނީ ޚާއްސަ ހުއްދައެއްގެ ދަށުން ޕްރިންސްގެ ޓީމަށް ނޭޕާލަށް އެތެރެވުމުގެ ފުރުސަތު ދީފައެވެ.
ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ނޭޕާލުން މިހާރު ވަނީ އެގައުމުގެ ބޯޑަރުތައް ހުޅުވައި، ފަރުބަދައަށް އަރަން ބޭނުންވާ މީހުންނަށް އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރިންސް އާއި ޕްރިންސްގެ ޓީމަކީ މިއަހަރު އެންމެ ފުރަތަމަ އެވަރެސްޓަށް އެރުމުގެ ފުރުސަތު ލިބުނު ބޭރުގެ ޓީމެވެ.
ފަރުބަދައަށް އެރުމަށް އެގައުމަށް އަންނަ މީހުން ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭއިރު އެކްސްޕެޑިޝަނަށް ދިޔުމުގެ ކުރިން ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށަހަޅަންޖެހެއެވެ.
ކޮވިޑްގެ ސަބަބުން ނޭޕާލުގެ އެތައް ހާސް ރައްޔިތުންނެއްގެ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. ވަކިން ޚާއްސަކޮށް ނޭޕާލަކީ އެގައުމަށް ލިބިފައިވާ ރީތި ފަރުބަދަތަކުގެ ސަބަބުން މަޝްހޫރުކަން ލިބިފައިވާ ގައުމަކަށްވާއިރު އެކަމާ ގުޅިފައިވާ އެކި ވިޔަފާރިތަކަށް ވަނީ ކޮވިޑްގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން ޓުއަރ ގައިޑުން ފެށިގެން ހޮޓެލްތައް ހިންގާ މީހުންގެ ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ނޭޕާލްގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ޖެނުއަރީ މަހުއެވެ. އެގައުމުގައި ޖަހަނީ އެސްޓްރަޒެނިކާ ވެކްސިންއެވެ. ނޭޕާލަށް އެސްޓްރަޒެނިކާ ވެކްސިންގެ އެއް މިލިއަން ޑޯޒް އަވަށްޓެރި އިންޑިޔާއިން ވަނީ ދީފައެވެ.