Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 12:25
ބަހްރެއިންގެ ވަލީ އަހުދު އަދި އިޓަލީގެ ބޮޑު ވަޒީރު
ބަހްރެއިންގެ ވަލީ އަހުދު އަދި އިޓަލީގެ ބޮޑު ވަޒީރު
ރޮއިޓަރސް
ޖީސީސީ
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
މެލޯނީ ވިދާޅުވީ އިޓަލީ އަކީ ގަލްފު ޤައުމު ތަކަށް ޔޫރަޕުގެ ބާޒާރަށް ވަދެވޭނެ ދޮރު ކަމަށެވެ. އެގޮތުން އިޓަލީ އަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ގަލްފު ޤައުމު ތަކަށް އިޤްތިޞާދީ ގުޅުންތައް ފުޅާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް މެލޯނީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ބަހްރެއިންގެ ވެރި ރަށް މަނާމާ ގައި ކުރިއަށް ދިޔަ ގަލްފް-އިޓަލީ ސަމިޓުގައި، އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ ބައިވެރިވެ ވަޑައިގެން ގުޅުން ވަރުގަދަ ކުރެއްވުމަށް ގޮވާލައްވައިފި އެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ 46 ވަނަ ޖީސީސީ ސަމިޓުގައި އިޓަލީ އިން ބައިވެރި ވަނީ ޝަރަފުވެރި މެހުމާނުގެ ގޮތުގަ އެވެ. އެ ސަމިޓުގައި ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވީ، އިޓަލީ އަށް ގަލްފު ޤައުމު ތަކާ އެކު މަސައްކަތް ކޮށްގެން ބައިބައިވުންތައް ހައްލު ކުރުމަށް އެހީތެރި ވެދޭނެ ކަމަށެވެ. އަދި ދުނިޔޭގެ ސަަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމަށް، އެ ޤައުމު ތަކާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެލޯނީ ވިދާޅުވީ އިޓަލީ އަކީ ގަލްފު ޤައުމު ތަކަށް ޔޫރަޕުގެ ބާޒާރަށް ވަދެވޭނެ ދޮރު ކަމަށެވެ. އެގޮތުން އިޓަލީ އަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ގަލްފު ޤައުމު ތަކަށް އިޤްތިޞާދީ ގުޅުންތައް ފުޅާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް މެލޯނީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހަކަތައާ ބެހޭ ދާއިރާ އިން ގުޅިގެން މަސައްކަތް ކުރެވޭ ފުރުސަތުތައް ވެސް މެލޯނީ ވަނީ އެ ސަމިޓުގައި ފާހަގަ ކުރައްވައިފަ އެވެ. އަދި ގަލްފު ޤައުމު ތަކަކީ ތެލާއި ބޮޑެޔި އުފެއްދުންތެރިކަން ހުރި ޤައުމުތައްކަން ފާހަަގަ ކުރައްވައި، އިޓަލީ އަށް ހަކަރައިގެ ދާއިރާ އިން އެ ޤައުމުތަކާ އެކު ދެ ފަރާތަކަށް ފައިދާ ހުރި ގުޅުންތައް ބިނާ ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މެޑިޓެރޭނިއަން ސަރަހައްދާއި ގަލްފު ޤައުމުތައް ގުޅިގެން އިޓަލީގައި ސަމިޓެއް ބޭއްވުމަށް އެ ޤައުމުން އޮތީ ތައްޔާރަށް ކަމަށް ވެސް މެލޯނީ ހާމަ ކުރައްވާފައިވެ އެވެ. މިއީ ދެ ސަރަހައްދުގެ ޤައުމުތަކާ ދެމެދު ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް ވަރުގަދަ ކުރުމަށް އިޓަލީ އިން ކުރާ މުހިންމު މަސައްކަތެއް ކަމަށް ވެސް މެލޯނީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޖީސީސީގެ ސެކްރެޓަރީ ޖެނަރަލް ޖާސިމް އަލް ބުދައިވީ ވިދާޅުވީ ގަލްފު ޤައުމުތަކާއި އިޓަލީއާ ދެމެދު އޮތް ގުޅުމަކީ ދިގު ތާރީޚެއް އޮތް އަދި އެހާމެ ވަރުގަދަ ގުޅުމެއް ކަމަށެވެ. 2024 ވަނަ އަހަރު އިޓަލީ އާއެކު ވިޔަފާރީގެ މުއާމަލާތް 35 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ތަކުގެ ބާރުވެރިކަން ދައްކުވައިދޭ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ސަމިޓަކީ ގަލްފް ގައުމުތަކާއި އިޓަލީއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ބޭއްވި މުހިއްމު ބައްދަލުވުމެކެވެ. ވިޔަފާރި އާއި، ހަކަތަ އާއި، ރައްކާތެރިކަން، އަދި ސިޔާސީ ގުޅުންތައް ހިމެނޭ ގޮތުން، ދެ ފަރާތުން ވެސް މި ފުރުޞަތުގައި މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބައިނަލްއަގްވާމީ މައިދާނުގައި އެކުވެރިކަން ވަރުގަދަ ކުރުމުގެ ނިޔަތުގަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް