ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ބަންގްލަދޭޝަށް ވަޑައިގެން، ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް މާޓއަރޒް މެމޯރިއަލަކީ ބަންގްލަދޭޝްއަށް މިނިވަންކަން ލިބިދިން އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމުކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބެއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ބުދަ ދުވަހުގެ ހެނދުނު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާޘާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީޚާ ގުޅޭ މުހިއްމު ތަންތަން ބައްލަވާލައްވާފައިވެއެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޘާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޘާރަށް ނަން ދެވިގެންދިޔައެވެ. މި ދާރުލްއާޘާރު ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.
ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޙާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.