ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ކެނަބިސް ގަހެއްކަމަށް ޝައްކުކުރެވޭ ގަހެއް ފެނިގެން ފުލުހުން ހަރަކާތްތެރި ވެއްޖެއެވެ.
މި ގަސް ފެނިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭރުގައި ހައްދާފައިހުރި ގަސްތަކެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ކެނެބިސްގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދުގައި އަންގާރަ ދުވަހު ހަރަކާތްތެރިވެފައި ކަމަށެވެ. މިކަމާ ގުޅުންހުރި އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/4a0b84bc-3975-4c98-b295-2982a03fe95d.png)
ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ކެނަބިސް ގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިފައިވާއިރު، މިދިޔަ އަހަރު ކ.ދިއްފުށީ ގެޔަކުންވެސް ކެނަބިސްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން ތަހުލީލު ކޮށްފައިވެއެވެ.
ކެނަބިސްއަކީ އާންމުގޮތެއްގައި މަސްތުވުމަށް ބޭނުންކުރާ ޒާތުގެ ފަތެކެވެ. އަދި ސިއްހީ އެކިއެކި ފަރުވާތަކަށްވެސް ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި މި ފަތް ބޭނުންކުރެއެވެ.
ކެނެބިސް އެތެރެކުރުމާއި ބޭނުންކުރުމުގެ ކުށަކީ ފަހަކަށް އައިސް ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ މައްސަލައެކެވެ. މި ފަދަ މައްސަލަތަކާ ގުޅިގެން ކޯޓުތަކުން ވަރަށް ބޮޑެތި ހުކުމްތައްވެސް އިއްވާފައިވެއެވެ.