އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ދެކޮރެެއާ މައްސަލާގައި ހިމެނޭ ހުރިހާ ގައުމުތަކަށް ޗައިނާ އިން ބުދަދުވަހު ގޮވާލައިފިއެވެ.
ޗައިނާ އިން މިހެން ގޮވާލިއިރު އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ބުނެފައި ވަނީ ދެކޮރެއާ ސަރަހައްދު އެމެރިކާ އިން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭ ކަމަށެވެ.
ދެކޮރެއާ މައްަސަލަ އާއި ބެހޭ ގޮތުން ދާދިފަހުން އެމެެރިކާ އިން ޗައިނާ އަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ޗައިނާ އިން އުތުރު ކޮރެއާ އަށް ބާރު އެޅުމަށެވެ. ޗައިނާ އަކީ އުތުރު ކޮރެއާ ގެ އެންމެ ބާރުގަދަ ރަހްމަތްތެރިޔާއެވެ.
ދެކޮރެއާ ސަރަހައްދުގައި އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން ދެކުނު ކޮރެއާ އާއި ޖަޕާނުގެ އެއާފޯސްއާއި އެކު ދާދިފަހުން ވަނީ ޓްރެއިނިން ޑްރިލްތަކެއް ބާއްވާފައެވެ.
ޗައިނާ އިން އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ބޭއްވި ޑްރިލްތަކާ މެދު ބުނެފައި ވަނީ ހާލާތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށާއި އަދި ވަރަށް "އުނދަގޫ" ފައްތަރެއްގައި ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިތުރަށް ވިދާޅުވެފައި ވަނީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމަކީ "މަޝްވަރާގެ ވާހަކަތައް ފަށައި ހަލަބޮލިކަން ދަށްކުރުން ކަމަށެވެ."
އުތުރު ކޮރެއާ އިން އެމެރިކާ އަށް ފާޑުކީއިރު އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާ ބައްދަލު ކުރުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން، ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ލީޑަރުންގެ ބައްދަލުވުމަކަށް ދާން ބޭނުންނަމަ އެމެރިކާގެ ގިނަ ޝަރުތުތަކަކަށް އުތުރު ކޮރެއާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ރުޅިވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.
ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.