ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކަރަންޓީންއަށް ދާން ޖެހޭ ފަރާތްތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކުރަމުންދާ ލިޔުން ދިނުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބަދައްލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ލިޔުން ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށާއި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚިދުމަތްތައް އަވަސްކުރުމުގެ ގޮތުން މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ތި ފާހަގަކުރެއްވި ބައެއް ފަހަރު އެބަހުރި ތިން ދުވަސް ވާއިރުގެ ވެސް ޑޮކިއުމެންޓް ނުލިބި. ޑޮކިއުމެންޓް ލިބެން މި އޮންނަ އުސޫލަކީ ހާލު ބެލުން ޕޯޓަލްގެ ތެރެއިން. އެއަށް އަޅުގަނޑުމެން މި އަޕްލޯޑް ކުރަމުން މިގެންދަނީ. ބައެއް ފަހަރު ބައެއް ބޭފުޅުން އެޕޯޓަލްގެ ތެރެއިން ޑޮކިއުމެންޓް ހޯދާ. އެކަން ފަސޭހަ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން.އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ.ނަޒްލާ ވިދާޅުވީ މިލޔުން ލިބެނީ ހާލު ބެލުން ޕޯޓަލްގެ ތެރެއިން ކަމަށެވެ. އެޕޯޓަލްއަށް ލިޔުން އަޕްލޯޑްކުރުމުން ބައެއް ފަރާތްތަކަށް ލިޔުން ހޯދުމަށް ވެސް ދަތިތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕޯޓަލް އިތުރަށް ފުރިހަމަކޮށް ޕޯޓަލްއަކީ ފަސޭހައިން ޚިދުމަތް ހޯދޭނެ ޕޯޓަލްއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްއީއޯސީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެންދިޔައެވެ.
ގެއެއް ކަރަންޓީންއަށް ލެވޭ ހާލަތުގައި އެ ގެއެއްގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން ވެސް ވަޒީފާއަދާކުރާ އިދާރާއަކަށް ކަރަންޓީންއަށް ލީކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. ނަމަވެސް މިލިޔުން ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ އާއްމުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.