ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީ އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާ ޚިފުވެފައިވާތީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިއީ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން އެމްޑީޕީ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަލާއިރު އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެއެވެ. ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާއިރު އެ ޕާޓީތަކުން އަންނަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނުން އަންނަނީ އެކި ނަން ނަމުގައި ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެންމެ ފަހުން ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 މީހުން ވަނީ ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާފައެވެ.