ކ. މާލެ
|
15 މާރޗް 2021 | ހޯމަ 05:40
އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން
އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލުން ޓޮޓެންހަމް ބަލިކުރިއިރު، ޔުނައިޓެޑަށް ހަނި މޮޅެއް
 
ޓޮޓެންހަމް އަތުން އާސެނަލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލުން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ހަނި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް ލަމޭލާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މި މެޗުން އާސެނަލް މޮޅުވީ 64 ވަނަ މިނެޓުގައި އެލެކްޒެންޑަ ލަކަޒޭޓް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ލަކަޒޭޓަށް ޓޮޓެންހަމުގެ ޑޭވިންސަން ސަންޗޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުން އާސެނަލް މޮޅުވިއިރު، ޓޮޓެންހަމުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. އެއީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ ލަމޭލާއަށް ދެވަނަ ރީނދޫ ކާޑާއެކު ރެފުރީ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު 28 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައި 28 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން - ގެޓީ އިމޭޖާސް

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ވެސްޓް ހޭމް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފު ޑޮމިނޭޓުކޮށްގެން ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. މުޅި މެޗުގައިވެސް ޔުނައިޓެޑުގެ ގޯލާ އަމާޒުކޮށް ވެސްޓް ހޭމަށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މެޗުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މި ލަނޑަކީ ވެސްޓް ހޭމުގެ ކްރައިގް ޑޯސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި 29 މެޗުން 57 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ވަނީ 71 ޕޮއިންޓް ލިބިފައެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ވެސްޓް ހޭމް އޮތީ ތާވަލުގެ ފަސްވަނައިގައި 28 މެޗުން 48 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް