ޕާކިސްތާނުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެގައުމުގެ ސަރުކާރުން އިތުރުކޮށްފިއެވެ.
އެގޮތުން ގިނަ އަދަދެއްގެ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވަމުންދާ ސަރަހައްދުތައް ކަމަށްވާ ޕަންޖާބް އަދި އުތުރުގެ ސަރަހައްދުތަކުގައި ވަނީ ޕާޝަލް ލޮކްޑައުނެއް އިއުލާނުކޮށްފައެވެ.
ޕަންޖާބުގައި ކައިވެނި ހަފްލާތައް ބާއްވާ ހޯލްތަކާއި ރެސްޓޯރެންޓްތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް އުސޫލާ ހިލާފުވާނަމަ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އަދި ވެރިރަށް އިސްލާމްއާބާދުގައި މާސްކުއެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންދާއިރު، އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
މީގެ އިތުރުން މަރޗް 18ގެ ނިޔަލަށް އެގައުމަށް ދަތުރުކުރާ ފްލައިޓްތައް އަމަލުކުރަން ޖެހޭ އުސޫލު ވެސް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން އެގައުމަށް ދަތުރުކުރެވޭނެ ގައުމުތަކާއި ދަތުރުކުރުން މަނާ ގައުމުތައް ކަނޑައަޅާފައިވާ އިރު، މިވަގުތު އެގައުމަށް ދަތުކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ 21 ގައުމެވެ.
ޕާކިސްތާނުން ކޮވިޑް-19ގެ ތިން ވަނަ ރާޅާ ކުރިމަތިލަމުންދާއިރު، އެގައުމުން މިހާތަނަށް 605،000ށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަލިޖެހުނު 13،500ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.