ކަރަންޓީނާ ނުލައި ކެމްޕޭން ކުރެވޭނެހެން އެޗްޕީއޭއިން ނެރުނު އުސޫލަށް އިސްލާހު ގެނައުމަކީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 'ހަވަރުބެރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކަރަންޓީނާ ނުލައި ކެމްޕޭން ކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ނެރުނު އުސޫލަށް އިސްލާހު ގެނެސްފައިވަނީ އެކަމުގައި ސަރުކާރުގެ އަތެއް އޮވެގެނެއް ނޫން ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްވެސް 'އިންވޯލްމަންޓެއް' ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މި ވާހަކަތައް ދެކެވުނީ އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރެވުނު ދުވަހު ކަމަށާއި ބެލެވޭ ގޮތުގައި އެގޮތަށް އެ ނިންމުން އެޗްޕީއޭއިން ނިންމާފައިވަނީ އެކަމަށް ރިއާޔަށް ކުރުމަށްފަހުގައި ކަމަށެވެ. ރޮޒައިނާ ވިދާޅުވީ މިކަމަކީ ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރަން ވާވަރަށް ނުކުރެވި ގެނެވުނު އިސްލާހެއް ކަމަށް ދެކޭ ކަމަށެވެ.
ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިންކުރުމަށް ކަރަންޓީންނުވެ ދެވޭ ގޮތަށް ގެނައި އިސްލާހު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން ވަނީ ނިންމާފައެވެ. އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު ކަރަންޓީންނުވެ ކެމްޕެއިނަށް ރަށްރަށް ކެމްޕެއިންކުރުމަށް ދެވޭގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.
އެގޮތުން އަމިއްލަ އާއިލާ ގާތަށް ކަރަންޓީންނުވެ ދެވޭނެ ގޮތެއް ނެތްއިރު އެފުރުސަތު ކެމްޕެއިން ކުރުމަށް ދިނުމުން އާންމު ރައްޔިތުން ކަންބޮޑުވުންތަކުން ވަނީ ސޯޝަލް މީޑިޔާގެ ޕްލެޓް ފޯރމްތައް ފުރާލާފައެވެ. އަދި މިނިންމުން ބަދަލުކުރުމަށް އާންމު ރައްޔިތުން ގޮވާލަމުންދިޔައިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ވެސް ވަނީ އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.