ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 14:54
އީގަލްސްގެ ފަރިތަކުރުންތަކުގައި ޑިފެންޑަރު އެލްސައީދު މަހުމޫދު ބައިވެރިވަނިކޮށް
އީގަލްސްގެ ފަރިތަކުރުންތަކުގައި ޑިފެންޑަރު އެލްސައީދު މަހުމޫދު ބައިވެރިވަނިކޮށް
މިހާރު
އެލްސައީދު އީގަލްސްއަށް ބަދަލުވުން
ގްރީން ސްޓްރީޓްސް ދޫކޮށް އެލްސައީދު އީގަލްސްއަށް
އީގަލްސްގެ ބިދޭސީ ބައެއް ކުޅުންތެރިންނަށް ބަދަލުއަންނާނެ ކަމަށް މައުލޫމާތު ލިބޭ
އެލްސައީދު ވަނީ ގްރީން ސްޓްރީޓްސްގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައި

ކުލަބު ގްރީން ސްޓްރީޓްސް ދޫކޮށް މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދު ކުލަބު އީގަލްސްއަށް ބަދަލުވެއްޖެއެވެ.

އީގަލްސްއިން އެލްސައީދު ގެނައީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިން މެޗުތަކަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. އުމުރުން 30 އަހަރުގެ އެލްސައީދު އީގަލްސްއަށް ބަދަލުވިއިރު، އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ ސީޒަނުގައެވެ. އެއަށްފަހު މި ދެ ސީޒަނުގައިވެސް އޭނާ ވަނީ ގްރީން ސްޓްރީޓްސްގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިންނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އީގަލްސްއިން އެލްސައީދު ގެނައިރު، މި ސީޒަނަށް މީގެ ކުރިން އީގަލްސްއިން ވަނީ ބޮސްނިއާގެ ގޯލްކީޕަރު މިލާން ޔެލޮވަކާއި، ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިޢީލް ޔަނޯގޯ އާއި، ޔަމަނުގެ މިޑްފީލްޑަރު އޮސާމާ އަންބާރު އަދި މިސްރުގެ ފޯވާޑް މުޙައްމަދު އޮސާމާ ގެނެސްފައެވެ. އެކަމަކު މީގެ ތެރެއިން ބައެއް ބިދޭސީ ކުޅުންތެރިން އީގަލްސްއިން ދޫކޮށްލާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު، ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެއެވެ. ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން މި ސީޒަނަށް އީގަލްސްއިން ކުރިމަތިލި ނަމަވެސް، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާދީފައެވެ. އެއާއެކު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އީގަލްސްއިން ވަނީ އެ ޓީމުގެ ކޯޗަކަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސާފައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުން، ޝާޒްލީގެ އިރުޝާދުގެ ދަށުން އީގަލްސްއިން މިހާތަނަށް ރަސްމީ މެޗެއް ކުޅެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް