ސައުދީގެ ހައްޖާއި އުމްރާ މިނިސްޓަރ ކަމުގައި ހުންނެވި މުހައްމަދު ބެންތެން އެމަގާމުން ސައުދީގެ ރަސްގެފާނު ސަލްމާން ވަކިކުރައްވައިފިއެވެ.
ހައްޖާއި އުމްރާ މިނިސްޓަރ އަކީ ކޮންމެ ހައްޖުގެ އެންމެހާ ކަންތައްތައް އިންތިޒާމުކުރައްވާ އެކަންކަން ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރެވެ. މުހައްމަދު ބެންތެން މަގާމުން ވަކިކުރައްވާ އެކްޓިންގ މިނިސްޓަރެއްގެ ގޮތުގައި މިހާރު އައްޔަނުކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ އިސާމް ބިން ސައީދެވެ.
ކޮވިޑްގެ ޕެންޑަމިކްގެ ކުރިން ހައްޖާއި އުމުރާ އަކީ ސައުދީއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެމުންދިޔަ ކަންތަކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް ހައްޖާއި އުމްރާގެ އަޅުކަންތައްތައް އަދާކުރުމަށް ދާ މީހުންނާއި އެކަމާއި ގުޅިފައިވާ ކަންކަމުން ސައުދީއަށް ވަދެއެވެ.
2016 ވަނަ އަހަރު ހައްޖާއި އުމްރާގެ މިނިސްޓަރކަން ދެއްވި މުހައްމަދު ސަލިހް ބިން ތަހެރް ބެންތެން މަގާމުން ވަކިކޮށްފައިވާކަމަށް ސައުދީގެ ޕްރެސް އެޖެންސީން ވަނީ ޓްވީޓްކޮށްފައެވެ. ނަމަވެސް މިނިސްޓަރުކަމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.
ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން ކުރުމަށް އެއްވެސް ގައުމަކުން މުސްލިމުންނަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތެއް ދީފައެއްނުވެއެވެ. އަދި ހައްޖުގެ އަޅުކަން ކުރިޔަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުއެވެ.
މިކަމާއި ގުޅިގެން ހައްޖާ އާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގައި މިކަމުގައި އެކި ގޮތްގޮތުން ޝާމިލްވާ ކުންފުނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ.
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އާއި މަދީނާއަށް ދާ މީހުން ބޭއްތިއްބުމަށް 1300 ހޮޓެލަށްވުރެ ގިނަ ހޮޓަލް އޮޕަރޭޓްކުރަމުން އަންނައިރު އެތައް ސަތޭކަ ފިހާރައެއް އެދުވަސްވަރާއި ދިމާކޮށް ހިންގަމުންއާދެއެވެ.
މިކުންފުނިތަކަށް ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސައުދީ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައްތަކެއް ފަށާފައެވެ.
ހައްޖާއި އުމްރާ އާ ބެހޭ މިނިސްޓަރުގެ އިތުރުން ޖެނެރަލް އޭވިއޭޝަން އޮތޯރިޓީގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުލްހާދީ އަލްމަންޘޫރުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.