ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 05:14
އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަރަކާތުގެ ތެރެއިން
އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަރަކާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ޖަލްސާ
ހުޅުމާލޭގައި ޖަލްސާ ބޭއްވީ އެޗްޕީއޭގެ ހުއްދައާއެކު: އެމްޑީޕީ
 
އިދިކޮޅުން ބުނަމުން އަންނަނީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް
 
ހުޅުމާލޭގައި އެމްޑީޕީން ވަނީ ހުކުރު ދުވަހު ކެމްޕެއިން ޖަގަހަ ހުޅުވުމަށް އިވެންޓެއް ބާއްވާފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި އިވެންޓަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ބޭއްވި އިވެންޓެއް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ހުޅުމާލޭގައި ބޭއްވި އިވެންޓަކީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބޭއްވި ޖަލްސާއެއްކަމަށް ބުނެ ފާޑުކިޔުންތައް އެޕާޓީއަށާއި އެޗްޕީއޭއަށް ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރޕާސަން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެޗްޕީއޭގެ ހުއްދައާއެކު ބޭއްވި ޖަލްސާއެއް ކަމަށެވެ. އަލީ ނިޔާޒު ވަނީ އެޗްޕީއޭއިން ދިން ހުއްދައިގެ ލިޔުންވެސް ޓްވީޓާއެކު އެޓޭޗްކުރައްވާފައެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރުމަށް އެމްޑީޕީން ބާއްވަމުން އަންނަ މިފަދަ އިވެންޓްތަކާއި ގުޅިގެން އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ އެޗްޕީއޭއަށާއި އެމްޑީޕީއަށް މީގެކުރިންވެސް އަމާޒުވެފައެވެ. އެގޮތުން ރަށްވެެހިފަތިސް ލޯންޗްކުރުމަށް ބޭއްވި ޖަލްސާއަކީވެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މީގެއިތުރުން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އެކަމުގެ ޝަކުވާ އިދިކޮޅުން ވަނީ ކޮށްފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައިި އެއްފަހަރާ ފަސް މީހުން އެއްތަނަކަަށް އެއްވުމަކީ މަނާކަމެކެވެ.

އަނެއްކޮޅުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއަކީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ކަމަށްބުނެ ފުލުހުން އަންނަނީ މުޒާހަރާކުރުން ހުއްޓުވުމުގެ ގޮތުން ޕީޕީއެމް އޮފީސް ހުންނަ މަގު ބަންދުކުރަމުންނެވެ. އެހެން އެގޮތަށް ކުރާތީ އެކަން ހުއްޓުވުމަށް އިދިކޮޅުން މިހާރު ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން ޕީޕީއެމުން ބުނެފައިވަނީ ޕާޓީ އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށާއި، އެކަން ހުއްޓުވައިދީ، ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމް ކޮށްދިނުމަށް އީސީ ގައި އެދިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
50%
0%
0%
50%
0%
0%
ކޮމެންޓް