ކ. މާލެ
|
12 މާރޗް 2021 | ހުކުރު 12:39
އެމްޓީސީސީން ބަނދަރެއް ފުންކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީން ބަނދަރެއް ފުންކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
އައްޑޫގެ މަޝްރޫއުތައް ފެށުން
އައްޑޫސިޓީ މީދޫ އާއި ހުޅުދޫގެ މަޝްރޫއުތަކުގެ މަސައްކަތްތައް މެދުކެނޑުމަކަށްފަހު އަލުން ފަށައިފި
 
ހުޅުދޫ ބަނދަރުގެ މަގަތު ފާލަމުގެ މަސައްކަތް އޭޕްރީލް މަސްތެރޭ ފަށާނެ
 
މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
މަސައްކަތް ހުއްޓާލީ ބައެއް މުވައްޒަފުން ކޮވިޑްއަށް ޕޮޒިޓިވްވުމުން

އައްޑޫސިޓީ މީދޫ އާއި ހުޅުދޫގެ މަޝްރޫއުތަކުގެ މަސައްކަތްތައް މެދުކެނޑުމަކަށްފަހު އަލުން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ އައްޑޫ ސިޓީ ހުޅުމީދޫ ސައިޓްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކޮވިޑްއަށް ޕޮޒިޓިވްވުމުގެ ސަބަބުން ޕްރޮޖެކްޓްގެ މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މީދޫ އާއި ހުޅުދޫގެ މަޝްރޫއުތަކުގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބުދަ ދުވަހު ފަށާފައިވާ ކަަމަށެވެ. މިނިސްޓްރީ އޮފްނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ 25 މާރޗް 2021 އެވެ.

މީދޫގެ އެހެނިހެން މަޝްރޫއުތަކަށް ބަލާލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މި މަސްތެރޭގައި ފަށާގޮތަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ހުޅުދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގެ މަގަތު ފާލަމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަސްތެރޭ ފަށާނެ ކަމަށެވެ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއުތަކަކީ ވެސް އެމްޓީސީސީން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. އެގޮތުން، ހުޅުދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫއު މިއަހަރުގެ އޭޕްރީލް މަސްތެރޭ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ މަޝްރޫއުތަކަކީ އެހެނިހެން ސިނާއަތްތަކަށް ވެސް ލުއިފަސޭހައަކަށް ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާއަރުވާ ބޭލުމަކީ ދަތިކަމަކަށްވާތީ، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ނެރު ހެދުމުގެ މަސައްކަތް މިމަސްތެރޭ ފެށިގެންދާނެއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއެކު ވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުމެވެ. އެގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީ ވެސް ގިނަ މަޝްރޫއުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެވެ. މިވަގުތުވެސް 47 ޕްރޮޖެކްޓެއްގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
50%
0%
0%
0%
ކޮމެންޓް