ވައުދުތައް ނުފުއްދާ ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓެކްނޮލޮޖީ މިނިސްޓަރ އަކަށް ހުންނެވި މަލީހު ޖަމާލު މަގާމުން ވަކިކުރެވޭ ނަމަ، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވެސް މަގާމުން ވަކިކުރެވެން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ އޮފިިޝަލް އަކު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އިންޓަރނެޓް އަގު ހެޔޮ ކުރުމުގެ ވައުދު ނުފުއްދާ ކަމަށާއި، ގަވާއިދުތަކެއް ނުހަދާ ކަމަށް ބުނެ މިނިސްޓަރ މަލީހު މަގާމުން ވަކިކުރާ ނަމަ މިނިސްޓަރ ޒަހާ ވެސް ހަމަ އެ އުސޫލުން ވަކިކުރެވެން ޖެހޭނެ ކަމަށެވެ. މިނިސްޓަރ ޒަހާ ވެސް ވައުދުތައް ނުފުއްދާކަން ފާހަގަކުރައްވައި ވިދާޅުވީ މަސްވެރިންނަށް މަހުގެ ހެޔޮ އަގު ހޯދައިދޭނެ ކަމަށް ބުނެ ސަރުކާރުން ވީ ވައުދު ފުއްދުމާ ގާތަށް ވެސް އަދި ނުދާ ކަމަށެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އިދިކޮޅުންނެވެ. މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.
މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަންޖެހޭތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް މި މައްސަލާގައި ބުނެފައިވެއެވެ.
އެ މައްސަލަ މަޖިލީހަށް ވެއްދުމާ އެކު މިނިސްޓަރ ޒަހާއަށް ފުރިހަމަ އެއްބާރުލުން އެބަ އޮތް ކަމަށް ބުނެ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރްއެމްއާއި ޕާޓީގެ ލީޑަރ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އޭނާގެ ދިފާއުގައި ނިކުންނަވާފައެވެ. ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވާއިރު މީގެ ކުރިން ސަރުކާރު ހިންގާ މައި ޕާޓީން ވެސް ވަނީ މަޖިލީހަށް ވައްދައި ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. އެއީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނުހަދާހުރުމުގެ ސަބަބުންނެވެ. ނަމަވެސް އެގަވާއިދުތައް ހެދުމާ ގުޅިގެން އެމައްސަލަ ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.
މަލީހު ވަކިކޮށްފި ނަމަ ޒަހާ ވެސް ވަކިކުރެވެން ޖެހޭނެ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން މަލީހު ދިފާއުކުރި އިރު، މަލީހުގެ މައްސަލަ މަޖިލީހަށް ވައްދައި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔައިރު ވެސް އެޕާޓީން އެ މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މަގާމުން ވަކިރުމުން މަލީހު އިދިކޮޅު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވި މައްސަލައިގައި ފިޔަވަޅު އަޅައި ޕާޓީން ވަކިކުރަން ވެސް ޖެހިދާނެ ކަމަށް ޕާޓީގެ ލީޑަރު ވިދާޅުވެފައިވާއިރު އެކަންކަމާ ހިތްހަމަޖެހިވަޑައިނުގެން ޕާޓީއަށް ފާޑުވިދާޅުވުމަށް ފަހު މަލީހު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.