މުޒާހަރާ ކުރުމުގެ ނަމުގައި މާދަމާ މެންދުރުފަހު މާލޭގެ އެކި ހިސާބުތަކަށް މީހުން އެއްކޮށްގެން ނުރައްކާތެރި ގަޑުބަޑެއް ހިންގަން ޕީޕީއެމުން ރާވާފައިވާ ކަމުގެ ސިއްރު މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޕީޕީއެމްގެ ތެރެއިން ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވަނީ މާދަމާ މާލެތެރެއަށް ނެރުމަށް ހަމަޖެހިފައިވަނީ ފަނަރަ ގްރޫޕެއް ކަމަށާއި ކޮންމެ ގްރޫޕެއްގައި ގިނަވަގެން ތިރީސް މީހުން އަދި މަދުވެގެން ފަންސަވީސް މީހުން ހިމެނޭނެ ކަމުގައެވެ.
ގްރޫޕުތައް އެކި ތަންތަނަށް ބެހިގަތުމަށް ހަމަޖެހިފައިވަނީ އެންމެން އެންމެ ފުރަތަމަ އެއްތަނަކަށް އެއްވީމާ ރޫޅައިލުމަށްޓަކައި ފުލުހުން އަމަލުކުރާ ގޮތަކަށް ބެލުމަށްފަހު ކަމަށްވެސް ރާއްޖެއެމްވީއަށް އޭނާ މައުލޫމާތު ދީފައިވެއެވެ. މައިގަޑު އަމާޒަކީ ރޭގަޑުވަންދެން އެމްއެމްއޭ ސަރަހައްދުގައި މަޑުކުރުން ކަމަށާއި އެހާއިރަށް އެތަނުގައި މަޑުކުރެވިއްޖެނަމަ ޑީއެންއޭގެ ނަމުގައި ދާދިފަހުން އުފެއްދި ހަރަކާތުގެ ބައިވެރިން މި ގްރޫޕްތަކާ ގުޅޭގޮތަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ.
އެކި ގްރޫޕުތައް ނިކުންނާނީ މާލޭގެ އެކި ހިސާބުތަކުން ކަމަށާއި މިގޮތުން މާފަންނު ބިސްބުރު ކައިރިން ހަވީރު ހަތަރުގަޑި ފަނަރާގައި ގްރޫޕެއް އަދި މައްޗަންގޮޅީ ޒިކުރާ މިސްކިތް ކައިރިންވެސް ގްރޫޕެއް ހަވީރު ފަހެއް ޖަހާއިރު ނުކުތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަވީރުވަންދެން ގްރޫޕުތައް ތިބޭނީ އެ ސަރަހައްދުތަކުގައި ހުންނަ ކެފޭތަކުގައެވެ.
މާދަމާގެ މުޒާހަރާ ފަށާނީ މެންދުރުފަހު ދެގަޑިބައިގައި ކަމަށް މިއަދު އިއުލާން ކުރާނެކަމަށާއި އެކަމަކު މުޒާހަރާގެ ނަމުގައި ހިންގާން އުޅޭ ގަޑުބަޑު ރޭވިފައިއޮތީ ވަރަށް ތަފާތުކޮށް ނުރައްކާތެރި ގޮތަކަށް ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ. އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ ޕީޕީއެމްގެ އަންހެން މެމްބަރުން ޕާޓީ އޮފީސް ކައިރިއަށްގޮސް ގަޑުބަޑުގެ ބައިވެރީންނަށް ޚާއްސަ ޓީޝާރޓް ބެހުމެވެ. މީގެ ތެރެއިން ގިނަބަޔަކު ދެން ދާނީ އަސުރު ނަމާދަށް މާފަންނު ގަޑިބުރު ކައިރީގައި ހުންނަ މިސްކިތަކަށެވެ.
މިސްކިތުން ފައިބާގޮތަށް ފިރިހެނުން ދެން ޖަމާވާން ހަމަޖައްސާފައިވަނީ ޗާނދަނީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދަށެވެ. ފުލުހުން އައިސް އެއްވުން ރޫޅާލީމާ ކޮންމެވެސް އަވަށެއްގެ ސްޓިއަރިން ކޮމިޓީގެ ރައީސަކު އިސްވެ ހުރެގެން ދެން ބަޔަކު ދާނީ ދެވެންހުރި މަގުމަގުން އެމްއެމްއޭއާ ދިމާލަށެވެ. މިކަން ކުރާނީ ކޮމާންޑު ސެންޓަރެއް ހަދައިގެން އެތަނުގައި ތިބޭ ބައެއްގެ އިރުޝާދު ވަގުތުން ލިބިގެންނެވެ. ކޮމާންޑް ސެންޓަރުގައި ތިބޭނީ ފުލުހުންގެ ތެރޭގައި ކުރިން އުޅެފައިތިބި ބައެއް މީހުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ ތެރެއިން ބައެކެވެ.
އެމްއެމްއޭއާ ދިމާލަށް ދާ އޮޅީގެ ވެރިޔަކަށް ހުންނަ މީހާ ހައްޔަރުކޮށްފިނަމަ ދެން ކޮމާންޑް ކުރާނެ މީހާޔާއި އެމީހާވެސް ހައްޔަރުކޮށްފިނަމަ ދެން ކޮމާންޑް ކުރާނެ ތިންވަނަ މީހަކު އައްޔަންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މާދަމާ ބޮޑުވެގެންވާ ގަޑުބަޑަކަށް ޕީޕީއެމުން ތައްޔާރުވަމުންދާއިރު ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވަނީ ކަނޑިއަކާއި އިނގިލީގެ ނިޝާން ދައްކައިދޭ ލޯގޯއެއް މީސްމީޑިއާގައި ދައުރުކުރަން ދޫކޮށްފައެވެ. ކަނޑިން ރަމްޒުކޮށްދެނީ ލޭއޮހޮރުވާލަން ފަސްނުޖެހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދާދިފަހުން ވަޒީރުކަމުން ދުރުކުރެވުނު މަލީހު ޖަމާލާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދު ﷲ އަމީން ވަރަށް އަވަހަށް ޕީޕީއެމާ ގުޅޭނެ ކަމުގެ ޔަގީންކަން ކުރީގެ ނާއިބުރައީސް ޑރ ޖަމީލު ޕީޕީއެމްގެ ލީޑަރޝިޕަށް ދީފައިވާ ކަމަށްވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.