ކ. މާލެ
|
11 މާރޗް 2021 | ބުރާސްފަތި 09:47
ޕެރިސްގައި މީހުން މަގުމަތީގައި މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ޕެރިސްގައި މީހުން މަގުމަތީގައި މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް
މިއީ ފާއިތުވި ދެ ހަފްތާތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 30،000ށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރު
ކޮވިޑް ކޮންޓްރޯލްވިކަމަށް ބެލެވޭނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 5000ށް ވުރެ ދަށްވުމުން
ފްރާންސްގެ 3.9 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައި

ފްރާންސްގައި ބުދަ ދުވަހު 30،303 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ފާއިތުވި ދެ ހަފްތާތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 30،000ށް ވުރެ މައްޗަށް އެގައުމުގައި އެރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ބަލި ޖެހިގެން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ދަށަށްނުދާކަމަށް ވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ފްރާންސްގެ ކޮވިޑް ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެގައުމުގެ ހެލްތު މިނިސްޓަރ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މާބޮޑެތި ފިޔަވަޅުތަކެއް މިބައްދަލުވުމުގައި އިއުލާންކުރާނެކަމަށް ނުބެލެވޭކަމަށް ސިއްހީ މާހިރުންބުނެއެވެ. މާހިރުން ބުނާގޮތުގައި ފްރާންސްގެ ވެރިރަށް ޕެރިސް ހިމެނޭ ސަރަހައްދުގެ ހޮސްޕިޓަލްތައް އަންނަނީ ބަލި މީހުންނައިގެން ފުރެމުންނެވެ.

ފްރާންސްގެ ސަރުކާރުން ބުނަމުން އަންނަނީ ކޮވިޑް ކޮންޓްރޯލްވިކަމަށް ބެލެވޭނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 5000ށް ވުރެ ދަށްވުމުންކަމަށެވެ.

ޕެންޑަމިކަށް އަހަރެއް ވެފައިވާއިރު ފްރާންސަކީ މުޅި ދުނިޔޭގައި ހަވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި 3.963 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ފާއިތުވި 24 ގަޑިއިރު މިބަލީގައި 264 މީހުން މަރުވެފައިވާއިރު އެގައުމުގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 89،565ށް އަރާފައެވެ. ފްރާންސަކީ ހަތް ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ބުދަ ދުވަހު އެގައުމުގެ 4.32 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ އޭޕްރީލް މަހުގެ މެދެއްހާ ހިސާބަށް އަންނައިރު އެގައުމުގެ 10 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އަދި މެއި މަހުގެ މެދެއްހާ ހިސާބަށް އަންނައިރު 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

- ކޮމެންޓް