ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވީ މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ވަރަށް ފަހުން ނެރުނު ރިޕޯޓެއް ދައްކާގޮތުން ރާއްޖޭގައި ކޮންމެ ދިހަ މީހަކުން އެކަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އެކަމަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އެވަރަށް މީހުން ނުފެނުމަކީ އާންމުންނަށް އެކަމުގައި ވަރަށް ބޮޑު އޮޅުންތަކެއް އަރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިފްހާމް ވިދާޅުވީ ދަފްތަރަކީ ކޮންމެ މީހަކު ވެސް އަމިއްލައަށް ރަޖިސްޓްރީވާން ޖެހޭ އެއްޗެއް ކަމަށެވެ. އެކަމަކު ބައެއް މީހުން އެގޮތަށް އެކަން ނުކުރާތީ ނުކުޅެދޭ މީހުން އެވަރަށް ތިބިކަން ދަފްތަރުން ނުދައްކަނީ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ނުކުޅެދޭ މީހެއް ކަމަށް ބަލާ މިންގަނޑުން ބަލާއިރު ބައެއް މީހުން ކުޅެދޭ މީހެކޭ އެއްވަރަށް މަސައްކަތްކޮށް އަމިއްލަ އާމްދަނީ ހޯދައިގެން ދިރިއުޅޭ ކަމަށާއި އެފަދަ އެތައް ބަޔަކު ވެސް މި ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން ނުވެ ރަޖިސްޓްރީ ނުވެ އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އިފްހާމް ވިދާޅުވީ ރަޖިސްޓްރޭޝަން އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްފައި އޮތުމުން އެފަދަ ފަރަގުތަކެއް ފެނުނު ކަމުގައިވީނަމަވެސް އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ދަފްތަރު މާ ހަރުދަނާ ވެފައި ރަނގަޅު ކަމަށެވެ.
ދާދި ފަހުން ހަމަ އަޅުގަނޑު ދިރާސާވެސް ހަދާލިން އިނގޭތޯ. އަވަށްޓެރި ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު އަޅުގަނޑުމެންގެ ޕަސަންޓޭޖް މާ ބޮޑު. އަޅުގަނޑުމެން ސަރވޭ ހަދާލި އިރު ބައެއް ގައުމުތަކުގަ މި ހުންނަނީ އެންމެ ދެ ޕަސަންޓު ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅޭ ކަމަށް. އެކަމަކު އެއީ އެންމެ ރަނގަޅު މައުލޫމާތެއް ނޫން.އިފްހާމް ހުސައިން
އިފްހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ވެސް 9،000ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަދަދާއި ދަފްތަރުގައި އޮތް އަދަދާ ދެމެދު ގާތް ގަނޑަކަށް 30،000 އާއި 35،000 މީހުންނާ ދެމެދުގެ ފަރަގެއް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ދުވަހަކަށް ވުރެ ދުވަހެއް އެ ފަރަގުވެސް ކުޑަ ވަމުން އަންނަ ކަމަށާއި އެސެސްމަންޓުތައް ހަދައި ދަފްތަރުގައި ގިނަ މީހުން ރަޖިސްޓްރީވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އިފްހާމް ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ކޮންމެ މީހަކު ވެސް ފުރަތަމަ އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށެވެ. އެމީހަކު ކޮން ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއް ކަމާއި، އެމީހަކަށް ބޭނުންވަނީ ކޮންކަހަލަ ފަރުވާއެއްކަން ޔަގީންވާނީ އޭރުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެ އެސެސްމަންޓުތައް ހަދާނެ ގޮތަކާއި އެކަމަށް ހަރަދުކުރާނެ ފަރާތެއް ނެތުން ކަމަށެވެ. އެކަމަކު މިހާރު އެންސްޕާއިން އެ ހަރަދުތައް ބަލަހައްޓަމުންދާތީ އެއީ އެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.