ކިންގް ސަލްމާން މިސްކިތް ރަމަޟާން މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަލްމާން މިސްކިތުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ހުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މިސްކިތް ހުޅުވުމަށް ލަސްވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި މިސްކިތް ހުޅުވުމަކީ ރައްކާތެރި ކަމެއް ނޫން ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގަ ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.
މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.