ރަށްރަށަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަށްރަށުގައި ބޯހިޔާވަހިކަން ކުރިޔަށް ގެންދިޔުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއި ނުހެދި ހުރި ގެތައް ހެދުމަށް ސަރުކާރުން އެއްވެސް ޕްރޮގްރާމެއް ކުރިޔަށް ގެންދާނެތޯ މެމްބަރަކު އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓަރުން ގެނެސްގެން ލޯނު ނަގައިގެން ފައިނޭންސް ހޯދައިގެން ރަށްރަށުގައި ގެ އެޅުމުން އެކަންކުރުމަށް ދިޔަ ޚަރަދުގެ ހަމައަގު ލިބެމުންނުދާ ކަމަށެވެ.
ދަންނަވާފާނަން މިހާރުވެސް ހުންނާނެ 1.8 މިލިއަން ރުފިޔާގެ ފައިނޭންސް ކޯސްޓާއެކު ހަދާފައި ހުރި ގެ 20 އަހަރުން އަނބުރާ ލިބޭ ލާރި 3000 ރުފިޔާ ލިބެނީ އަށް ލައްކަ ރުފިޔާ. އެގޮތަށް ދައުލަތުން ކަންކަން ކުރާނަމަ މި ސަސްޓެއިނެއް ނުކުރެވޭނެ. ލޯނު ނަގައިގެން ކަންކަން ކުރީމާ މިކަން ވާގޮތް އެއީ. 1.5 މިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން ހުރި އެއްޗެއް ލޯން ކޯސްޓް ލީމާ 1.8 މިލިއަނަށް އަރާ އެހެން ހެދީމާ ނުލިބޭ ލާރިއެއް. އެހެންވީމާ 1.5 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށް ޕްރޮޖެކްޓެއް ހިންގުމަށް ނިންމީ ސަރުކާރުންމުހައްމަދު އަސްލަމް/ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ
މިމަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދާނީ ރޯހައުސްއާއި ހައުސިންގ ފްލެޓްތައްކަމަށް މިނިސްޓަރ ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރަށްރަށުގައި ހަދަން ފަށާފައި ނުހެދި ހުރި ގެތަކާއި ގެ އެޅުމަށް ވަކި ލޯން ސްކީމެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން 7 ލައްކަ ރުފިޔާއާ ހަމައަށް މިކަމަށް ލޯނު ދޫކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިއަހަރު ތެރޭގައި 175 މިލިއަން ރުފިޔާގެ 6 އިންސައްތަ ލޯނު ލިބޭ 7 ލައްކަ ރުފިޔާ ކެޕްކޮށްފައި 6 ޕަސެންޓް ލޯނު ލިބޭ ސްކީމެއް އެޗްޑީއެފްސީން ހުޅުވާލާނެ. ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް 3 އަހަރު ތެރޭ އެފަންޑު 500 މިލިއަން ރުފިޔާއަށް ބޮޑުކުރުން. އެއީ އަމިއްލައަށް ގެދޮރު އެޅުމަށް ނުވަތަ އަޅަން ފަށާފައިވާ ތަނެއް ނިންމުމަށް ނަގާނެ ލޯނު. ހައުސިންގ ލޯނު 7 ލައްކަ ރުފިޔާއަށް. އާންމު ގޮތެއްގައި ރަށެއްގައި މިވަރުން ވޭ.މުހައްމަދު އަސްލަމް/ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ
ސަރުކާރުން އަންނަނީ މި ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ހައްލެއް ހޯދައިދިނުމަށް އެކި މަޝްރޫޢުތައް ހިންގާނެކަން ހާމަކުރައްވަމުންނެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބިމެއް ހިއްކާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބައެއް ހައުސިންގ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިޔުމަށް މިހާރު ވަނީ ސޮއިކޮށްފައެވެ.