މިވަގުތު ސަރުކާރުގެ 14 ފެސިލިޓީއެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އަންގާރަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، މިވަގުތު ސަރުކާރުގެ 14 ފެސިލިޓީއެއްގައި ކޮވިޑަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޕްރައިވެޓު 6 ތަނެއްވެސް ހިމެނޭކަމަށް ޑރ ނަޒަލާ ވިދާޅުވިއެވެ. ޑރ ނަޒްލާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑް ސާމްޕަލްތަކުގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ ސާމްޕަލްއާއި، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ ކަންކަމުގެ ތެރެއިން ނަގާ ސާމްޕަލްގެ އިތުރުން، ރިސޯޓުތަކުގެ ޑިޕާޗަރ އަދި ކޭސް އިންވެސްޓިގޭޝަން ސާމްޕަލްތައްވެސް ޓެސްޓު ކުރަނީ އައިޖީއެމްއެޗުން ކަމަށެވެ.
އޭގެ އިތުރުން، ޑޮކްޓަރ ނަޒްލާ ރަފީޤު ވަނީ ވެކްސިނޭޝަންގެ އަދަދުތައް އިތުރުވަމުންދާއިރުވެސް ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށްވަމުން ނުދާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޑރ ނަޒްލާ ވިދާޅުވީ، ބަލި ޖެހުން މަދު ކުރުމަށް ބަލާއިރު، އަދިވެސް ވެކްސިން ޖަހާ މީހުން ނިސްބަތުން މަދު ކަމަށެވެ. ޑރ ނަޒްލާ ވަނީ ވީހާވެސް ގިނަ މީހުން ވެކްސިން ޖެއްސެވުމަށް އިލްތިމާސް ކުރައްވާފައެވެ.
ޑރ ނަޒްލާ ވިދާޅުވީ، އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖަހަމުންދާއިރު، އިއްތިފާޤަކުންވެސް ބައެއް ކަހަަލަ ޙާލަތްތައް ދިމާވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، އެއީ ވެކްސިން ޖެހުމާއި ގުޅިގެން ހިނގި ކަމެއްތޯ ބަލައި އެކަންކަން ސާފު ކުރުމުގެ މަސައްކަތް ސިއްޙީ އޮފިޝަލުން ކުރައްވާނެކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގައިވެސް ވެކްސިން ޖެހި މީހުންގެ ތެރެއިން ނިޔާވި މީހުން ނިޔާވި ސަބަބު އިތުރަށް ތަހުޤީޤުކޮށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މަރުވި ސަބަބު ހާމަ ކުރައްވާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ވެކްސިން ޖެހުމަށްފަހު ދެވޭ ލުއިތަކާއި ގުޅޭގޮތުން ޑރ ނަޒްލާ ވިދާޅުވީ، ވެކްސިން ޖަހައިގެން ދެވޭ ލުއިތައް ދެވޭނީ ދެ ދޯޒް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހުވެސް 14 ދުވަސް އިތުރަށް ބަލަންޖެހޭކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، ވެކްސިނޭޝަންއާ ގުޅިގެން ދެވިދާނެ ލުއިތަކާ ގުޅޭގޮތުން މިވަގުތުވެސް ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.