ހުކުރު ދުވަހު ވެކްސިން ޖެހީ 1،703 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިން ޖެހި 1،703 މީހުން ވެސް ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. ހުކުރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަކަށް ނުގެންދެއެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 138،827ށް އަރާފައެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 84،891 މީހުންނެވެ. އަދި އަތޮޅުތެރެއިން 53،936 މީހުން ވަނީ ވެކްސިން ޖަހާފައެވެ.
ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވީނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާހަގަ ކުރެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އަދިވެސް އެންމެ ބޭނުންވާ މިންވަރަށް ވެކްސިން ޖެހުމަށް މީހުން ނުދާކަމަށެވެ. ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ދިރާސާތައްވެސް ހެދޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފްތައެއްގެވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި 8 ވެކްސިނޭޝަން ސެންޓަރާއި 2 މޮބައިލް ސެންޓަރު ހިމެނޭއިރު އަތޮޅުތަކުގައި 169 ވެކްސިން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.