ކޮންޓެކްޓްވާ މީހުން މައުލޫމާތު ދިނުމުގައި އޮޅުވާލާ ކަމަށާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ތެދު މައުލޫމާތު ދިނުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް ގިނަވެގެން އުޅޭ އިރުގައި ވެސް ކޮންޓެކްޓް ޓްރޭސިންގއަށް ރަނގަޅަށް މައުލޫމާތު ނުދެއްވާކަން ވަރަށް ގިނައިން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ ހިތާމަ ހުރި ކަމެއް ކަމަށާއި، ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓްވީ ކަމަށް އެއްވެސް ގޮތަކަށް އެއްބަސް ނުވެ 3 ދުވަސް ފަހުން ޕޮޒިޓިވްވަމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މަސައްކަތުގެ މާހައުލުގައި ވެސް އެކަކު ޕޮޒިޓިވްވަމުން އަނެކަކު ޕޮޒިޓިވްވަމުން ގޮސް ވަރަށް ބައިވަރު މީހުން ޕޮޒިޓިވްވޭ. ގޭގެ ތެރޭގައި އަދި ރަށްޓެހިންގެ ތެރޭގައި ވެސް މިގޮތަށް އެބަވޭ. ބައެއް ބޭފުޅުން ފުރަބަންދު ކަރަންޓީނަށް ވަޑައިގަންނަވާ ތަނުން މާލޭގައި ހުންނަ ގޭގެ މީހަކު ޕޮޒިޓިވްވިޔަސް އެ މައުލޫމާތު ވެސް ނުދެއްވާ. އޭގެ ދެ ދުވަސް ކުރިން ވެސް ކޮންޓެކްޓްވީ ބަޔަކު ގޮސް ކޮންމެވެސް ރަށެއްގައި ބަޔަކު ގޮސް ތިބި ކަމަށް ވެސް މައުލޫމާތު ލިބިފައި އެބަހުރި. މި ކަންތައްތަކުގައި އެފަދަ މައުލޫމާތު ނުދޭނަމަ އެއީ ބަލި ފެތުރެން ދިމާވާ އިތުރު ފުރުސަތެއް. ކަރަންޓީން ނުވެ ބަލި ޖެހިފައި ހުރި މީހަކު ނުވަތަ ބަލީގެ އަލާމަތްތައް ހުރި މީހަކު މިގޮތަށް ބޭރުގައި އުޅޭ ކަމުގައި ވާނަމަ. ހަމައެކަނި ބަލި ފެތުރެނީކީ ނޫން. މީގެ މާނައަކީ ހައިރިސްކް މީހަކަށް ވެސް ބަލި ޖެހިދާނެ. އަދި ބަލިޖެހިފައި ހުރި ހައިރިސްކް މީހަކު ދެނެނުގަނެވި ގިނަ ދުވަސް ވެސް ވެދާނެ. އެހެންވީމަ މީހުންގެ ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެއް،ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން މި ކުރާ މަސައްކަތުގައި ވެސް އެދެވޭ ރަނގަޅު ނަތީޖާއެއް ލިބޭނީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ކުރެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ވީހާ ވެސް އަވަހަކަށް އެ މައުލޫމާތު ރަނގަޅު ގޮތުގައި ފޯރުކޮށްދީގެން އަދި އެ މައުލޫމާތު ލިބިގެން ކަމަށެވެ. އެހެންކަމުން މިކަމަށް ހުރިހާ ބޭފުޅުންގެ ފަރާތުން ރަނގަޅު މައުލޫމާތު ވީހާ ވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.