ރާއްޖެއިން އިތުރު 7712 މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހު ރާއްޖެއިން ވެކްސިން ޖަހާފައިވާ 7712 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 3568 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 4144 މީހެކެވެ. އެއާއެކު، މިހާތަަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 137،124ށް އަރާފައެވެ.
އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 84،891 މީހަކު ހިމެނެއެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 52،233 މީހަކުވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވީނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާހަގަ ކުރެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އަދިވެސް އެންމެ ބޭނުންވާ މިންވަރަށް ވެކްސިން ޖެހުމަށް މީހުން އަންނަމުން ނުދާ ކަމަށެވެ. އަދި ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ދިރާސާތައްވެސް ހެދޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފްތައެއްގެ ވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި 8 ވެކްސިނޭޝަން ސެންޓަރާއި 2 މޮބައިލް ސެންޓަރު ހިމެނޭއިރު އަތޮޅުތަކުގައި 169 ވެކްސިން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ