ބ.ފުޅަދޫ އައު އިންޖީނުގޭގެ ހުރިހާ މަސައްކަތެއް ނިމިއްޖެއެވެ.
ފެނަކައިން ބުނީ ފުޅަދޫގައި އަލަށް ހެދި އިންޖީނުގޭގެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ހުޅުވުމަށް ކުރަން ޖެހޭ ތައްޔާރީގެ މަސައްކަތްތައް ކަމަށެވެ. އަދި އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއްވެސް ހުންނާނެ ކަމަށެވެ. އަދި މިހާރު ދިމާވާ ގިނަދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެފަނައިން ބުނެއެވެ.
އިންޖީނުގެ ވަރަށް އަވަހަށް ހުޅުވޭނެކަން ފާހަގަކޮށް ފެނަކައިން ބުނީ ބައެއް ލަސްތައް ކުރިމަތިވަނީ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ނެޓްވާކް އަލުން އަޅަންޖެހޭތީ ކަމަށެވެ.
ފުޅަދޫގައި މިހާރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ. އައު އިންޖީނުގެ ހުޅުވިގެންދާނީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާއެކުކަމަށް ފެނަކައިން ބުނެއެވެ.