ފާއިތުވެދިޔަ 24 ގަޑިއިރު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު މަދު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު، މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 1967 މީހުންނެވެ. އަދި އަތޮޅު ތެރެއިން 3792 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ފާއިތުވި 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 5759 މީހުންނެވެ. މިއީ ފުރަތަމަ ޑޯޒް ޖެހި މީހުންނެވެ.
ބުދަ ދުވަހުގެ ނިޔަލަށް 129،424 މީހަކު ވެކްސިން ޖަހާފައިވާއިރު، މީގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވައިވަނީ 81،323 މީހެކެވެ. އަދި އަތޮޅު ތެރެއިން 48،101 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ރިސޯޓްތަކުން ޖުމްލަ މިހާތަނަށް 1459 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
ބުރާސްފަތި ދުވަހު ވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި، 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފްތައެއްގެ ވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި 8 ވެކްސިނޭޝަން ސެންޓަރާއި 2 މޮބައިލް ސެންޓަރު ހިމެނޭއިރު އަތޮޅުތަކުގައި 169 ވެކްސިން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.