ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 17:54
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ރާއްޖެއެމްވީ
ވެކްސިނޭޝަން ޕްރޮގްރާމް
18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށަނީ
 
މާލެ ސަރަހައްދުގެ ހަ ތަނެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން
 
ރާއްޖޭގައި ޖަހަނީ ކޮވިޝީލްޑް ވެކްސިން
 
ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައި ވަނީ ފެބްރުއަރީ 1 ގައި

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖަހަން ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މަރޗް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދުގެ ހަތަނެއްގައި ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށްދެއެވެ. އެއީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، ރައްޔިތުންގެ މަޖްލިސް އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ. މިހުރިހާ ތަނެއްގައިވެސް ހެނދުނު 09:00 ގައި ވެކްސިން ޖެހުމުގެ ހަރަކާތް ފަށާއިރު، ވިލިމާލެ ޒުވާނުންގެ މަރުކަޒު ނޫން އެހެން ހުރިހާތަނެއްގައި މި ހަރަކާތް ކުރިއަށް ގެންދަނީ ހަވީރު 04:30 ހަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ މެންދުރު 01:00 ށެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުކަންދޭން ޖެހޭ ވަކި ކަންތައްތަކެއް ބަޔާންކޮށް އެޗްޕީއޭ އިން ބުނީ އައިޑީކާޑު ނުވަތަ ކާކުކަން އެނގޭ ރަސްމީ ލިޔުމެއް ގެންދަންވާނެ ކަަމަށާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށް ވެސް ވަނީ އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ އެ ބޭހުގެ މައުލޫމާތު ގެންދިޔުންވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ އިސްކަމެއްދެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސަައްކަތްކުރާ މީހުންނަށް އިސްކަންދިނުމުގެ ކަންތައްތައް ފަށާފައިވާއިރު، ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖޭގެ މައި އެއަރޕޯޓަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަށަވަރުކޮށް މުވައްޒަފުންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެއަރޕޯޓް ފާސް އޮންނަ ފަރާތްތަކަށް ވެކްސިން ދިނުމުގެ ހަރަކާތް ފަށާފައެވެ.

މީގެ އިތުރުން ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން، ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހި ރެޑްކްރެސެންޓުން އިސްނަގައިގެން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ވީހާވެސް ގިނަ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރަމުންދާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާރސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް