ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 17:28
ކޮވިޑް-19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކަރެކްޝަން ސަރވިސް
ކޮވިޑް-19 އަށް ކުރާ ހަރަދު
ކޮވިޑް-19 އާއި ގުޅިގެން އެންޑީއެމްއޭއިން އެކަނި 867.9 މިލިއަން ރުފިޔާ ޚަރަދުކޮށްފި
އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ޚަރަދުކޮށްފައި ވަނީ 1,545.2 މިލިއަން ރުފިޔާ
ކޮވިޑް-19 އާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ އެކިކަންކަމަށް ޚަރަދުކޮށްފައި ވަނީ 1,504.3 މިލިއަން ރުފިޔާ

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް (އެންޑީއެމްއޭ) މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ކޮވިޑް-19 ވީކްލީ ސްޓެޓިސްޓިކްސް ދައްކާގޮތުން ފެބްރުއަރީ 25ގެ ނިޔަލަށް އެންޑީއެމްއޭ އިން 867.9 މިލިއަން ރުފިޔާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ޚަރަދުކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދު މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާއިރު، އެމިނިސްޓްރީން ވަނީ 376.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 91.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 37.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީން ޚަރަދުކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްއިން 43.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.1 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވެސް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 29 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްޙީ ޚަރަދުތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް 652.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓަށް 200.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޕަރޭޝަނަލް ސަރވިސަސްއަށް ޚަރަދުކޮށްފައި ވަނީ 186.7 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ހޭދަކޮށްފައި ވަނީ 123 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 94 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 102.5 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން 1,504.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ޚަރަދުކޮށްފައި ވަނީ 1,545.2 މިލިއަން ރުފިޔާއެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 585.9 މިލިއަން ރުފިޔާއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 355.4 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް