ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 13:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހަށް ހުށަހަޅާ ބިލުތައް
މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވަނީ މަޖިލީހަށް ބިލުތައް މިވަގުތު ލިބިފައިނުވާތީ - މަޖިލީހުގެ ރައީސް
މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 33 ބިލް އެޓަރނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވޭ
މިދިޔަ އަހަރުގެ ފަހު ދައުރަށް ހުށަހަޅާނެކަމަށް ހާމަކުރި 28 ބިލްގެ ތެރޭގައި ހިމެނޭ 13 ބިލެއް ވެސް ހިމެނޭ
ސިއްހީ ދާއިރާއާއި ވިޔަފާރީގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި ބިލްތައް ހިމެނޭ

މަޖިލީހުގެ މަސައްކަތްތައް ވަރަށް މަދުވެފައިވާ ކަމަށާއި އެއީ މަޖިލީހަށް ބިލުތައް މިވަގުތު ލިބިފައިނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބިފައިވާ ބިލުތަކުގެ ސުންގަޑި ކަނޑައެޅި އެ މަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުން ދާކަމަށެވެ. އަދި މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެދައުރަކަށް ސަރުކާރުން ފޮނުއްވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށާއި މި ދައުރުގެ ވެސް ލިސްޓުވަނީ ލިބިފައި ކަމަށެވެ. އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ނުލިބޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަންޑާރަނައިބާ އެކުގައި މަޝްވަރާ ކުރުމަށްފަހު މަޖިލީހަށް ފޮނުވެން ހުރި ބިލުތަކާ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 33 ބިލް އެޓަރނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކޮށްފައިވާ ބިލްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ފަހު ދައުރަށް ހުށަހަޅާނެކަމަށް ހާމަކުރި 28 ބިލްގެ ތެރޭގައި ހިމެނޭ 13 ބިލެއް ވެސް ހިމެނެއެވެ. ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ވިޔަފާރީގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި ބިލްތައް ހިމެނެއެވެ.

މި ދައުރަށް އަލަށް ހުށަހަޅާނެކަމަށް ހާމަކުރި ބިލްތައް:

1. ކޮވިޑް ވެކްސިން ދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

3. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

4. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

5. އެކިއެކި ލިޔުންތަކުގެ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލް

6. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަނޫނު އުވާލުމުގެ ބިލް

7. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

8. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް

9. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް

10. ވިހެއުމާއި މަރުވުން ރަޖިސްޓަރީކުރުމުގެ ބިލް

11. ގިންތިކުރުމުގެ ބިލް

12. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

13. އިންތިޤާލީ އިންސާފުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

14. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

15. ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ބިލް

16. ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

17. މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

18. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

19. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

20. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް

މިދިޔަ ދައުރަށް ހުށަނާޅާ ބިލްތަކުގެ ތެރެއިން މިދައުރަށް ހުށަހަޅާ ބިލްތައް:

1. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

2. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް

3. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް

4. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

5. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

6. ހެއްކާބެހޭ ބިލް

7. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް

8. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލް

9. ފޮރިން އިންވެސްޓްމަންޓްގެ ބިލް

10. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

11. އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލް

12. ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލް

13. ނަފްސާނީ ސިއްހަތުގެ ބިލް

- ކޮމެންޓް