ކޮރަޕްޝަންގެ ކުށް ސާބިތުވެ ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.
ޕެރިސްގެ ކޯޓަކުން ހޯމަ ދުވަހު ކުރި ޙުކުމުގައި ވަނީ ނިކޮލަސްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެގޮތުން 2014 ވަނަ އަހަރު ކުރިއަށް ދިޔަ ޝަރީއަތެއްގައި ހިމެނޭ އިސް މެޖިސްޓްރޭޓެއްގެ ފުށުން ޤާނޫނާ ޚިލާފަށް މައުލޫމާތުތަކެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން ސާބިތުވާކަމަށް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރުން ފާހަގަ ކުރެއްވި ގޮތުގައި ނިކޮލަސް ވަނީ އޭރު ޖަޖް ގިލްބާރޓް އަޒިބަރޓްއަށް މޮނާކޯއިން މަތީ މަޤާމެއް ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވެ، ޝަރީއަތާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ. އަދި އެކަން ފަޅާއަރާފައިވަނީ ނިކޮލަސްއާއި އޭނާގެ ވަކީލާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސިއްރު މައުލޫމާތުތައް ހޯއްދަވަން މަސައްކަތް ކުރެއްވި މި މައްސަލައަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ އަތުން ފައިސާ ނެންގެވި ކަމަށް ތުހުމަތުކޮށް ބަލަމުން ދިޔަ މައްސަލައެކެވެ. ނަމަވެސް ނިކޮލަސް އޭރު ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރެވޭ ތުުހުމަތުތަކެއް ކަމަށެވެ. ޣައްޒާފީ ޚަރަދުކުރެއްވި ކަމަށް ވަނީ 2007 ވަނަ އަހަރުގެ ފަރަންސޭސީ އިންތިޚާބުގައެވެ. ލީބިޔާ ދަރިކޮޅުގެ ފަރަންސޭސި ވިޔަފާރިވެރިއަކު ވަނީ ސަކޯޒީގެ އަރިސް ބޭފުޅަކަށް 200 އަދި 500 ޔޫރޯގެ ނޫޓު ހުރި ތިން ފޮށި ދީފައިވާ ކަމަށް ބުނެފައެވެ.
ނިކޮލަސްގެ މައްސަލަތައް ބަލަން ފަށާފައި ވަނީ އެމަނިކުފާނަށް 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުމާއި ވިދިގެންނެވެ. 2012 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ފްރާންސްވާ އޮލާންޑެވެ.
2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސްކަން ކުރެއްވި ނިކޮލަސްގެ މައްޗަށް މީގެ އިތުރުންވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ކެމްޕޭނުގެ މާލީ ކަންކަމުގައި ޤާނޫނާ ޚިލާފް އަމަލުތަކެއް ކުރެއްވިކަމުގެ އެހެން ތުުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ.