މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަތުމުން ގުރުއަތުން ހޮވޭ މީހަކަށް އިތުރު ޓިކެޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަން އިން ފަށައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާރޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެކަކަށް ބޭނުންވާ ރާއްޖޭގެ އެތެރޭގެ މަންޒިލަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ޓިކެޓްގެ މުއްދަތު ދެމި އޮންނާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މޯލްޑިވިއަން އިން މިފަދަ ޕްރޮމޯޝަނެއް ފަށާފައިވާއިރު މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށް، ޚިދުމަތްދިނުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުރިހާ ދުވަހެއްގައި ބަންދުވާނެކަމަށާއި އެހެންނަމަވެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 09:00ން 17:00ށް ކޯލް ސެންޓަރ އަދި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. ޓިކެޓް ގަތުމަށް އެ ކުންފުނީގެ މޯބައިލް އެޕް ބޭނުންކުރުމަށް ޤައުމީ އެއާލައިނުން ވަނީ އެދިފައެވެ. ކުންފުނީގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދިވެހި ރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީހެއް އެސްޓީއޯ ސިޓީ ސްކެޔާގައި ހުޅުވައި، ދިޔައީ ޚިދުމަތް ދެމުންނެވެ. އެހެންނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރުގެ މާރޗްމަހު ވަނީ މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށްފައިވީނަމަވެސް، އޭރުވެސް ޓިކެޓް އޮފީސް ބަންދުކޮށްފައެއް ނުވެއެވެ.