ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މިފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދޭ ހާއްސަ ޚިދުމަތެއް ދިރާގުން ތައާރަފުކޮށްފިއެވެ.
ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި މި ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުން ހުރި ޑޭޓާ ހޯދާ، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓަރ ކުރެވޭނެއެވެ.
މި ސިސްޓަމްގެ އެހީގައި ޚާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީ ގެ ބެސްޓް ޕްރެކްޓިސް ތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބަރ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެއެވެ.
ދިރާގު ސިއެމް އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކްއާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި، ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެއެވެ. މީގެ އިތުރުން ނެޓްވޯކްއާ ގުޅިފައިވާ ގުނަންތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެއެވެ. އަދި ހަމައެއާ އެކު، ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓަރ ކުރެވޭނެ ކަމަށާއި އޮޑިޓް ތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތައް ވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.