ކޮވިޑް-19އަށް އިތުރު 118 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 92 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 16 މީހުންނާއި، ސިނާއީ ރަށްތަކުން ޕޮޒިޓިވްވި 5 މީހުންނާއި ލައިވްއަބޯޑްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު 3،952 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރު 118 މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،597ށް އަރާފައެވެ. މިހާތަނަށް 17،132 މީހަކު ބަލިން ފަސޭހަވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 130 މީހެކެވެ. މިއާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2397 ގައެވެ. 170 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 51،8663 ސާމްޕަލް ނަގާ ވަނީ ޓެސްޓް ކޮށްފައެވެ.
މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާއިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ.
ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއިއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއިއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ. އަދި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވެސް ވިދާޅުވީ، އެޗްއީއޯސީ އަދި ސަރުކާރުގެ ވިސްނުމަކީވެސް ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުން ކަމަށާއި، ލޮކްޑައުން ކުރުމުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.