ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 12:40
ފުލުހުން އަނިޔާކުރި ކަމަށް ބުނެ ދައުރުކުރާ ފޮޓޯ އަދި އެ ހަބަރު ހިމެނޭ ވެބްސައިޓް
ފުލުހުން އަނިޔާކުރި ކަމަށް ބުނެ ދައުރުކުރާ ފޮޓޯ އަދި އެ ހަބަރު ހިމެނޭ ވެބްސައިޓް
ސޯޝަލް މީޑިއާ
އަނިޔާކުރި ކަމަށް ބުނެ ދައުރުކުރާ ފޮޓޯ
މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ދައުރުކުރަނީ ހަގީގަތާއި ހިލާފު ފޮޓޯއެއްކަން ހާމަވެއްޖެ
ދޮގު މައުލޫމާތު ނުފެތުރުމަށާއި މި ފޮޓޯ ދައުރުނުކުރުމަށް ސީޕީ ހަމީދު އިލްތިމާސް ކުރައްވާފައިވޭ
މަގުމައްޗަށް އެއްވެ މުޒާހަރާ ކޮށް ނުހެދުމަށް ފުލުހުން ދަނީ ތަކުރާރުކޮށް ބުނަމުން

ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯއަކީ ހަގީގަތާއި ހިލާފު ފޮޓޯއެއްކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަ ކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދައުރުކުރަމުންދާ ފޮޓޯގެ އަސްލު ފޮޓޯ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ފޮޓޯއަކީ ލަންކާގެ ޑެއިލީމިރަރ ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރެއްގެ ފޮޓޯއެއްކަން ސިޕީ ހަމީދު ހާމަކުރައްވާފައިވެއެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށާއި މި ފޮޓޯ ދައުރުނުކުރުމަށް ސީޕީ ހަމީދު އިލްތިމާސް ކުރައްވާފައިވެއެވެ. ފުލުހުން އަނިޔާކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ބޭއްވި މުޒާހަރާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ފުލުހުން އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކޮށްފައިވަނީ އިދިކޮޅު އެކްޓިވެސްޓެއް ކަމަށްވާ އަޒްހަރު އަބްދުﷲ ސައީދު ކުރި ފޮޓޯގައި ފެންނަނީ މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ މަންޒަރެވެ. ނަމަވެސް އެ ފޮޓޯއަކީ ލަންކާގައި ހިނގައި ދިޔަ ހާދިސާއެއްގެ ފޮޓޯތަކެވެ. އަދި އެ ފޮޓޯތައް ނަގައިގެން ކްރޮޕް ކުރުމަށްފަހު އެއީ އިދިކޮޅުން ބޭއްވި މުޒާހަރާގައި ފުލުހުން ކޮށްފައިވާ އަނިޔާ ކަމަށް ބުނެ ހަބަރު ފަތުރާފައިވެއެވެ.

ހެޕްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ ޚިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން އަންނައިރު މަގުމައްޗަށް އެއްވެ މުޒާހަރާ ނުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. މި މުޒާހަރާތަކުގައި އެމްއެމްޕީއާރުސީގެ ފައިސާއިން މަނީ ލޯންޑަރުކުރި ކަމުގެ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާއިރު، ހިޔާ މަޝްރޫއުގެ ތެރެއިން ފެލެޓް ދޫކޮށްފައިވަނީ ބޭއިންސާފަށް ކަމަށް މުޒަހާރާގެ ބައިވެރިން ގޮވަމުންދެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މިމުޒާހަރާތަކަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ މުޒަހާރާތަކެއް ކަމަށް ގޮވަމުންދިޔަ ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުގައި މިހެން މަގުމައްޗަށް އެއްވުމަކީ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންއާ ޚިލާފަށް އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދޭނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް