ބ. ތުޅާދޫ އާއި ށ. ބިލަތްފެއްސާއި ތ. ވިލިފުއްޓާއި އަދި ހދ. މަކުނުދޫގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓީގެ އެދުމުގެ މަތިން، އެ ހަތަރު ރަށުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމަށް، 11 ފެބްރުއަރީގައި ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހަތަރު ރަށުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް. އަންނަ މާރޗު މަހުގެ އެއްވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
މީގެއިތުރުން އެ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ ހަތަރު ރަށުގައި އެއަރޕޯޓް އެޅުމުގެ މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށެވެ. ހދ. މަކުނުދޫ އާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން ހުޅުވާލާފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި މި 5 އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، މި އެއަރޕޯޓުތަކުގެ މަސައްކަތް ވަނީ ބަޖެޓް ކުރެވިފައެވެ.